ޚަބަރު

ޒަކާތު ހައުސްގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޝައިޚް ޢިއްޒުއްދީން


  • މި ޕޯޓަލްގެ ތެރެއިން ބޭސްފަރުވާގެ އެހީއަށް ރާއްޖޭގެ ކޮންމެ ތާކު ހުރެގެން އެދެވޭނެ

  • ހުރިހާ ޚިދުމަތެއް އޮންލައިންކުރުމަށް ޚާއްސަ ސޮފްޓްވެއަރއެއް ދަނީ ހަދަމުން

ޒަކާތު ހައުސްގެ ހުރިހާ ޚިދުމަތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވެއްޖެއެވެ.

ޢިއްޒައްދީން މިހެން ވިދާޅުވީ ޒަކާތު ހައުސްގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވީ، ޒަކާތް ހައުސްއަކީ ގިނަ ޚިދުމަތްތަކެއް ދެމުންދާ ތަނެއްކަމަށެވެ. އަދި ޒަކާތު ހައުސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެންމެ އާންމުކޮށް ހުށަހަޅަމުންދަނީ ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެދިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެފަދަ ޚިދުމަތަށް އެދޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވަން ގަވްއާއި ގުޅިގެން ބޭސްވަރުވާގެ އެހީއަށް ވަކިން އެދޭވޭ ގޮތަށް ޚާއްސަ ޕޯޓަލެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ. ޢިއްޒައްދީން ވިދާޅުވީ ބޭސްފަރުވާގެ ގިނަ ކޭސްތަކަކީ އިމަރޖެންސީކޮށް އަންނަ ކޭސްތަކަކަށްވުމުން ލިޔެ ކިޔުންތައް ހުށަހަޅާ، އެ ޚިދުމަތް ޕްރޮސެސްވާން ގިނަ ވަގުތު ނަގާކަމަށެވެ.

އެހެންނަމަވެސް މި ޚިދުމަތް އޮންލައިން ސިސްޓަމެއްގެ ތެރެއިން ކުރެވެން ފެށުމުން މިކަން ހައްލުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި ޕޯޓަލުގެ ތެރެއިން ބޭސްފަރުވާގެ އެހީއަށް އެދި ރާއްޖޭގެ ކޮންމެ ތާކު ހުރެގެންވެސް އެދެވޭނެކަމަށާއި، އެމީހެއްގެ ޚިދުމަތުގެ ކަންކަން އަޕްޑޭޓް ވަމުންދާ މިންވަރު ޕޯޓަލްގެ ތެރެއިން ބަލާލެވޭނެކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ އޮކްޓޫބަރ މަހުގެ ފަހުކޮޅު ލޯންޗް ކުރެވޭނެކަމަށް. މި ޕޯޓަލްގެ ތެރެއިން އެންމެ ފުރަތަމަ ގެންދެވޭނީ ބޭސްވަރުވާގެ ކަންކަން. ބޭސްފަރުވާގެ ކަންކަމުގައި ވަރަށް ކުއްލި ކޭސްތައް މި އަންނަނީ، ވަރަށް ބައިވަރު ޑޮކިއުމަންޓްތައް މެއިލްކޮށްގެން ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ. އެހެންނަމަވެސް މި ސިސްޓަމްގެ ތެރެއިން އޮޓޮމެޓިކޮށް ދާނެ. އަދި ސްޓެޓަސް އަބަދުވެސް އަޕްޑޭޓް ވެގެން ދާނެ." ޢިއްޒައްދީން ވިދާޅުވިއެވެ.

ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވީ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒަކާތުގެ ހައުސްގެ ހުރިހާ ޚިދުމަތްތަކެއް އޮޓޮމޭޓްކުރުމަށް ސޮފްޓްވެއަރއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޚާއްސަކޮށް ޒަކާތް ދެއްކުމާއި ޒަކާތް ހުރިހާ އެންމެނަށް އެއް ހަމައެއްގައި ބެހުމުގެ މަސައްކަތް ކުރެވިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތް ނިމި ޚިދުމަތްތައް ހޯދަން ފެށުމުން އިތުރު ކަންކަން ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.

"ޒަކާތު ހައުސްގެ ހުރިހާ ޚިދުމަތެއް، އިދާރީ ޚިދުމަތްތައްވެސް އޮޓޮމޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ޚާއްސަކޮށް ޒަކާތް ދެއްކުން، ފިތުރު ޒަކާތް ދެއްކުން ސޮފްޓްވެއަރއެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން." ޢިއްޒައްދީން ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން ވިދާޅުވީ، މި މަސައްކަތް ވެގެންދާނީ ޒަކާތު ހައުސްއިން ދެމުންދާ ޚިދުމަތްތައް ފުޅާވެ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބިގެންދާނެ މަސައްކަތަކަށް ކަމަށެވެ.

ޒަކާތު ހައުސް އުފެއްދުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމެވެ.