މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
މިއަދުން ފެށިގެން ރަމްޟާން މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 1:00 އަށް ޒަކާތް ބަލައިގަންނަމުންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރުވެސް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރުތަކެކޭ އެއްގޮތަށް މިޚިދުމަތް ދިރާގު، އުރީދޫ، ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކް އަދި އަމާނާ ތަކަފުލްއިން ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. މާލެ ސަރަޙައްދުގައި ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ދައްކަންޖެހޭނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 65 ރުފިޔާ އަދި ބާސްމަތީ ހަނޑުލުންނަމަ 77 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެރަށަކުން ގަންނަން ލިބޭ އަގަކުންކަމަށެވެ.
ޒަކާތް ނެގުމަށްފަހު ބޭންކް ހުންނަ ރަށްތަކުގައި ދުވަހުން ދުވަހަށް އެފައިސާ ޖަމާކުރުމަށް އިސްލާމިކް މިނިސްޓަރގެ ނައިބު އައްޝައިޚް އިބްރާހީމް އަޙުމަދު އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން އެމިނިސްޓްރީ ފިޔަވާ އެއްވެސް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޒަކާތް ނެގުމުގެ ޙުއްދަ ދީފައިނުވާނެކަމަށާއި، މިއީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތެއްކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.
މާލޭގައި ޒަކާތް ބަލައިގަންނަމުންދާނީ އިސްލާމީ މަރުކަޒުގައާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިމާލެ އޮފީހުންނާއި އަދި އަތޮޅުތަކުގެ ކައުންސިލް އިދާރާތަކުންނެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ.