ޚަބަރު

މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ބީސީސީއާއި ސައިރެކްސް ކޮލެޖް އެއްބަސްވެއްޖެ


  • ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަޠު ލިބޭނެ

  • ދިރާސީ މަސައްކަތްތައް ކުރާނެ

މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއާއި ސައިރިކްސް ކޮލެޖާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމެވެ. އަދި ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ޗެއަރމަން އަޙްމަދު ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން ސައިރިކްސް ކޮލެޖުގައި އެކި ދާއިރާތަކުން މަތީތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަޠު ބީސީސިން ފަހިކޮށްދޭނެއެވެ. އަދި ބީސީސީގެ މުވައްޒަފުންނަށް އެކި ދާއިރާތަކުން ތަފާތު ފަންނީ މަޢުލޫމާތު ލިބެނިވި ތަމްރީން ޕްރޮގްރާމްތައް ސައިރިކްސް ކޮލެޖުގައި ހިންގާނެކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ބީސީސީއަށާއި ސައިރިކްސް ކޮލެޖަށް ބޭނުންވާ ދިރާސީ މަސައްކަތްތައް ދެފަރާތުން ގުޅިގެން ކުރުމާއި ދެ ފަރާތުގެ ފަންނީ ޤާބިލުކަން ޙިއްޞާކޮށް ފެންވަރު މަތިކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަކީވެސް މިފަހުމުނާމާގައި ހިމެނޭ ކަމެކެވެ.

ހަމައެހެންމެ ދެފަރާތުން ގުޅިގެން އިޖުތިމާޢީ ޙަރަކާތްތަކާއި މަސައްކަތު ބައްދަލުވުންތައް ބާއްވައި، ކަންކަމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން ޚާއްސަ އިސްކަމެއް ދޭކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.