ބިދޭސީންގެ ގެންގުޅުމުގައި އިހުމާލުވާ ދިވެހިންނާ މެދުވެސް ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިހެން ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ޝަމްޢާން ވިދާޅުވީ، ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ފިޔަވަޅު އަޅަނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެކަނިކަމަށެވެ. އަދި ޤަވައިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް އަދަބެއް ނުދެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު ކުރާކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ، ބިދޭސީން ގެންގުޅުމުގައި އިހުމާލުވާ ދިވެހިންނާއި މެދު މިހާރުވެސް ފިޔަވަޅު އަޅަމުން ދާކަމަށެވެ. އަދި ޖޫރިމަނާކޮށް ބައެއް ކުންފުނިތައް ބްލެކް ލިސްޓްކޮށްފައިވާކަންވެސް ޝަމްޢާން ވިދާޅުވިއެވެ. ޝަމްޢާން ވިދާޅުވީ، އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑްތަކާއި އިންސްޕެކްޝަންތަކުގައި، ބިދޭސީންނާމެދު އިހުމާލުވެފައިވާ އެމްޕްލޯޔަރެއް ނުވަތަ ޤަވައިދާ ޚިލާފަށް ބަޔަކު ގެންގުޅޭކަން ކަށަވަރުވާކަން އެނގޭނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.
"މިހާރުވެސް ބިދޭސީންނާމެދު އިހުމާލުވެފައި ހުރި ދިވެހިންނަށް ފިޔަވަޅު އަޅަން. ޖޫރިމަނާކޮށް ބްލެކް ލިސްޓްކޮށްފައިވެސް ވާނެ ގިނަ ކުންފުނިތަކެއް. އަޅުގަނޑުމެންގެ ރެއިޑް އޮޕްރޭޝަނެއްގައި އިހުމާލުވެފައިވާ އެމްޕްލޯޔަރެއް އުޅޭކަމުގައި ވާނަމަ ނޫނީ ޤަވައިދާ ޚިލާފަށް ބަޔަކު ގެންގުޅޭކަން ކަށަވަރުވާކަން އެނގޭނަމަ އަޅުގަނޑުމެން މިހާރުވެސް ފިޔަވަޅު އަޅާފައި ހުންނާނީ." ޝަމްޢާން ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،501 ފަރާތެއް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ވަނީ ބްލޮކްކޮށްފައެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ އެފަރާތްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދިނެވެ. މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، އިޢުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެކަމަށް އެ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.