އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ޕޭޝަންޓް ސޭފްޓީ ކޮމިޓީއާއި ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙުކޮށް އަދި އެ ހޮސްޕިޓަލްގައި ވޫންޑް ކެއަރގެ މެނޭޖްމަންޓްގެ ޚިދުމަތް ފަށައިފިއެވެ.
ނެޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024ގެ ތެރެއިން މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ޕޭޝަންޓް ސޭފްޓީ ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި "ނެޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ. މި ޕެނަލްގައި ވަނީ ރާއްޖޭގައި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއި މިކަމަށް ހުރި ގޮންޖެހުންތަކާ ހުރަސްތައް އަދި ކުރިމަގުގައި މި މައްސަލަތައް ޙައްލުކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ޚިޔާލައި މަޢުލޫމާތު ހުށައަޅާފައެވެ.
މި ރަސްމީޔާތުގެ ތެރެއިން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ "ޕޭޝަންޓް ސޭފްޓީ ކޮމިޓީ" އިފްތިތާޙުކޮށްފައެވެ. ކޮމިޓީ އިފްތިތާޙްކޮށްދެއްވާ ކޮމިޓީގެ މެންބަރުންނާ އެކަމުގެ "ޕިން" ހަވާލުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. 12 މެންބަރުން ހިމެނޭ މި ކޮމިޓީއަކީ، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޚިދުމަތާއި ގުޅިގެން ހުށައަޅާ މައްސަލަތައް ބަލާ މަޝްވަރާކޮށް ނިންމުންތައް ނިންމުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އޭއިއެޗްގެ "ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން"ވެސް އިފްތިތާޙުކޮށްދެއްވާފައެވެ.
މީގެއިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި "އެޑްވާންސް ވޫންޑް ކެއަރ މެނޭޖްމަންޓް" ފަރުވާގެ ނިޒާމު ވަނީ އިފްތިތާޙުކޮށްފައެވެ. މި ޚިދުމަތް ފެށުން ފާހަގަކުރައްވާ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ އައްޑޫ އިކުއުޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ އިބްރާޙިމް ޔާސިރު އަޙުމަދުއެވެ.
ނެޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024 ކުރިއަށްގެންދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ވޯލްޑް ހެލްތް އޮގަނައިޒޭޝަން ޑަބްލިއުއެޗްއޯ ގުޅިގެންނެވެ. މި ކޮންފަރެންސްގައި ޑަބްލިއުއެޗްއޯގެ ރެޕްރެސެންޓޭޓިވް ޑރ.ޕަޑްމަލް ޑި ސިލްވާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެއް ދުވަހަށް ކުރިއަށްގެންދިޔަ ކޮންފަރެންސްގައި ޕްރީ-ކޮންފަރެންސް ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.