ކެޓް ޝެލްޓާރއާއެކު ވެޓްނަރީ ކްލިނިކްގެ ޙިދުމަތް އަތޮޅުތަކަށް ފުޅާކުރުމަކީ އަމާޒެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
މަގުމަތީގައި ގިނަވާ ބުޅާތަކުގެ މައްސަލަ ހައްލުކޮށް އެ ބުޅާތަކަށް ރައްކާތެރިކަން ހޯދާދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެއެވެ. އެގޮތުން ބުޅާތަކަށް ދިމާވާ ސިއްޙީ މައްސަލަތަކަށް ފަރުވާ ދެވޭ ގޮތަށް ވެޓްނަރީ ކްލިނިކާއެކު ކެޓް ޝެލްޓާރއެއް ސަރުކާރުން ދަނީ ތަރައްގީކުރަމުންނެއެވެ. އަދި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ރަޖިސްޓްރުމާއި ޖަނަވާރާ ބެހޭ ކަންކަން ޤާނޫނެއްގެ ތެރެއިން ކުރުމަށް ބިލެއްވެސް މިހާރު ވަނީ ޑްރާފްޓްކޮށްފައެވެ.
މާލެ ސަރަހައްދުގައި ކެޓް ޝެލްޓާރ ތަރައްޤީވުމާއެކު އެ މަސައްކަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އަންނީ ކުރަމުންނެވެ.
މި މަސައްކަތުގެ ތަފްސީލު ހިއްސާކުރައްވާ ދަނޑުވެރިކަމާއި ދިރޭތައްކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ އަތޮޅުތަކުގައި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރެއް ބަލިވެގެން ނުވަތަ އެނޫންކަމަކު މާލެ ގެނައުމަކީ ފަސޭހަކަމެއްނޫންކަމަށެވެ. ހަމައެގޮތަށް މާލޭގައި ހުންނަ ޑޮކްޓަރެއް ނުވަތަ އެކަމުގައި ހަރަކާތް ތެރިވާ ބޭފުޅެއް ދަތުރުރެއްކޮށްފައި އެ ރަށަކަށް ދިޔުމަކީވެސް ދާއިމީ ހައްލެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިކަމަށް ހައްލު ހޯދުމުގެ ގޮތުން ކުރިއަތް އޮތްތަނުގައި އަތޮޅުތަކުގައިވެސް ކްލިނިކްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެހެންނަމަވެސް މިވަގުތު އެންމެ ބޮޑަށް ބަލާނީ މާލޭ ސަރަޙައްދުގައި ޤާއިމުކުރާ ވެޓްނަރީ ކްލިނިކުން ޚިދުމަތް ދޭން ފެށުމާއެކު، ރޫޓިންކޮށް ޓީމްތައް އަތޮޅުތަކަށް ގޮސްގެން ޙިދުމަތް ދިނުމަށްކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ އެކި ރީޖަންތަކުގައި ވެޓް ކްލިނިކްތައް ޤާއިމްވެގެން ދިޔުން. އެއީ ފަސޭހަކަމެއް ނޫން އިނގޭތޯ ބަލިވެގެން ޖަނަވާރެއް މާލެއާއި ހަމައަށް ގެނައުން ނުވަތަ އެކަމުގައި އުޅޭ ޓެކްނިކަލް ބޭފުޅެއް ދަތުރުކޮށްފައި ދިޔުމަކީވެސް އެހެންވީމައި އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި މުސްތަގްބަލުގައި އަތޮޅު ތެރޭގައި ޤާއިމް ވެގެން އަނާނެ މި ފަދަ ކްލިނިކްތައް" ވަޒީރު ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ މިހާރުވެސް އަތޮޅުތަކުގެ ބައެއް ރަށްތަކުން ކެޓް ޝެލްޓަރއަށް ބުޅާ ގެނައުމަށް ބޭނުންވާކަމަށް އަނގަމުން ދާކަމަށެވެ. އަދި ބުޅާތައް ނިއުޓަރ ކުރަން ބޭނުންވާކަމަށްވެސް އެ ވުޒާރާގައި އެދެމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މޯބައިލް ނިއުޓަރ ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ކުރިއަތް ގެންދާނެކަމަށެވެ.