ޚަބަރު

މަސް ޕްރޮސެސްކުރާ 3 ކާރުޚާނާއެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފަށާނަން: މަސްވެރިކަމާބެހޭ ވަޒީރު


  • މަހަށް އަގުއެއްކުރުމުގެ މަސައްކަތް ކުރަމުންދޭ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ތަރައްޤީކުރުމަށް ނިންމާފައިވާ މަސް ޕްރޮސެސްކުރާ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލޯނު ދޫކުރުމުގެ މަޝްރޫޢު އަލުން މުރާޖަޢާކޮށް އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުންނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަސް އަގުއެއްނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރަން ޖެހުންކަމަށެވެ. އޭގެ ނަތީޖާއަކީ މަހަށް ލިބެންވާ ހަމަ އަގު ނުލިބުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝިޔާމް މަހަށް ހަމައަގު ހޯދައިދިނުމަށާއި، އަގުއެއްކޯށްގެން މަސް ބޭރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެކަމަށްޓަކައި މަސް ޕްރޮސެސްކުރާ ތިން ކާރުޚާނާއެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތަންތަނުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ އަމިއްލަ ކުންފުނިތައް ހިމެނޭހެން މިވަގުތު ރާއްޖޭގައި ޕްރޮސެސްކުރެވެނީ ދުވާލެއްގެ މައްޗައް ގާތްގަނޑަކަށް 110 މެޓްރިކް ޓަނުގެމަސް ކަމަށެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ކާރުޚާނާތަކާއެކު އެ ޢަދަދު ގާތްގަނޑަކަށް 300 މެޓްރިކް ޓަނަށް އިތުރުވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ތިން ފެސިލިޓީ ހަދާ ނިމުމުން ގާތްގަނޑަކަށް 300 މެޓްރިކްޓަން އިތުރު ވެގެން ދާނެ. މިހާރު ރާއްޖޭގައި ރޯމަހުގެ ގޮތުގައި ބޭރުކުރާ މަސް ރާއްޖޭގައި ބާނާ މަހުގެ ވަރަށް ބޮޑު އިންސައްތައެއް ރޯމަހުގެ ގޮތުގައި ދަނީ ބޭރު ކުރެވެމުން. ނަމަވެސް އައު ފެސިލިޓީތަކާއެކު ގާތްގަނޑަކަށް 90 ނުވަތަ 95 އިންސައްތައްށް ވެލިއުއެޑް ކުރެވިގެން ދާނެ" ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެ ކާރުޚާނާތައް ނިމުމުން ޚާއްޞަކޮށް ކަނޅުބިލަމުހުން ލިބޭ އާމްދަނީ ބޮޑަށް އިތުރުވެގެންދާނެކަމަށެވެ.

ތަފާސްހިސާބުތަކާ ހަވާލާދެއްވާ ޝިޔާމް ވިދާޅުވީ ރަނގަޅު މަސްވެރިކަމެއްގައި މަސް އެކްސްޕޯޓްކޮށްގެން 92 މިލިޔަން ޑޮލަރާއި 95 މިލިޔަން ޑޮލަާ ހަމައަށް އާމްދަނީ ރާއްޖެއަށް ލިބޭކަމަށެވެ. ނަމަވެސް އައު ކާރުޚާނާތަކާއެކު އެ ޢަދަދު ދެގުނަ ކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލައްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.