މިއަހަރުގެ ފިތުރު ޒަކާތް ރަމްޟާން މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއެވެ.
އިސްލާމިކް މިނިސްޓަރގެ ނައިބު އައްޝައިޚް އިބްރާހީމް އަޙުމަދު ވިދާޅުވީ ފިތުރު ޒަކާތް ބަލައިގަތުން ރަމްޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށެވެ. އަދި އިސްލާމީ މަރުކަޒާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ރަށްރަށުގެ ކައުންސިލް އިދާރާތަކުންނާއި، ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކާއި ދިރާގާއި އުރީދޫ އަދި އަމާނާ ތަކަފުލް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް އެނާ ވިދާޅުވިއެވެ.
ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ އެރަށަކުން ލިބޭ ފައިސާއެއް އެރަށެއްގެ ފަޤީރުންގެ މެދުގައި ކަމަށް އިބްރާހީމް އަޙުމަދު ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ކައުންސިލްތަކާއި ގުޅިގެން ފަޤީރުންގެ ލިސްޓު އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.
ޝައިޚް އިބްރާހީމް ވިދާޅުވީ ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްތައް ރަމްޟާން މަސް ފެށުމުގެ ކުރިން އެމިނިސްޓްރީން ޢާއްމުކުރާނެކަމަށެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ.