ދ. އަތޮޅު ހޮސްޕިޓަލްގައި ތެލެސީމިޔާ ސްކްރީން ކުރުމުގެ ޚިދުމަތް ޤާއިމްކޮށްފިއެވެ.
ދ.އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ. މިރަސްމިއްޔާތުގައިވަނީ ދ. އަތޮޅުގައި ލެބޯޓްރީ ސާމްޕަލް ޓްރާންސްޕޯރޓްކުރުމުގެ ނިޒާމްވެސް ޤާއިމްކޮށްފައެވެ.
ދ. އަތޮޅު ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ސްކްރީން ކުރުމުގެ ޚިދުމަތާއި ދ. އަތޮޅުގައި ލެބޯޓްރީ ސާމްޕަލް ޓްރާންސްޕޯރޓްކުރުމުގެ ނިޒާމް ޤާއިމްކުރެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ.
މިހާރު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ޙިދުމަތްތައް ފައްޓަވައި ދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ މިއަދަކީ ސިއްޙީ ދާއިރާއަށާއި ސިއްޙީ ހިދުމަތަށް ކުރިއެރުން ހޯދައިދިނުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމަށް ލިބިގެންދާ ދުވަހެއްކަމަށެވެ. އަދި މިޙިދްމަތްތައް ތައާރަފް ކުރުމުގެ ސަބަބުން ދ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް މިޚިދްމަތްތައް ލިބިގަތުމުގައި ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ދ އަތޮޅުގައި އަލަށް ދޭން ފެއްޓެވި ޚިދުމަތްތަކުގެ ސަބަބުން ލުއިފަސޭހަ ކަމާއިއެކު ލެބޯޓްރީ ޓެސްޓުތައް ހަދާ އޭގެ ނަތީޖާ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގިނަ ގޮންޖެހުންތަކަކާއިއެކުވެސް ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދީ، އެޚިދްމަތްތައް ތަރައްޤީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ހޮސްޕިޓަލްތަކަށާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ޞިއްޙީ ޙިދްމަތްތެރިން ހޯދައި ދިނުމަށާއި، މެޑިކަލް ކޮންސިއުމަބަލްސް އަދި އިކުއިޕްމަންޓްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ޞިއްޙީ ޚިދްމަތްދޭ ތަންތަނަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓްތައް ހޯދުމަށް އެކަނިވެސް 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަޢުލަތުގެ ބަޖެޓުން ޙަރަދު ކުރައްވާފައިވާކަން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ފާހަގަކުރެއްވިއެވެ.