ބޭނުންފުޅުވަނީ އައިޑީކާޑުފަދަ އެހެން ޚިދުމަތްތައްވެސް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި ފޯރުކޮށްދިނުމަށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދިނުމަކީ ޚަރަދުބޮޑު ނަމަވެސް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެއް ކަމަށެވެ. އެގޮތުން، މިހާރު އަވަހަށް އައިޑީކާޑު ހައްދަން ޖެހޭނަމަ އަންނަން ޖެހޭނީ މާލެ ކަމަށާއި ރަށްރަށުގައި މި ޚިދުމަތް ފެށުމުން ރައްޔިތުންގެ އަތުން ހޭދަވާ ޚަރަދު ކުޑަކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ޚިދުމަތްތައް ރަށްރަށުގައި ތައާރަފުވެގެންދިއުމަކީ ސަރުކާރުން ހަގީގީ މާނައިގައި ލާމަރުކަޒީކޮށް ޚިދުމަތްދޭކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ރައްޔިތުން އެދޭ ތަރައްގީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ރައްޔިތުން އެދޭ ތަރައްގީއަކީ. މިއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ތަރައްގީއަކީ. މިއީ ހަގީގީ ތަރައްގީގެ އެއް ފަރާތަކީ. މީގެ ސަބަބުން ރައްޔިތުންނަށް ކައިރިން ޚިދުމަތް ލިބުމުގެ އިތުރުން، އިތުބާރާއި ޔަގީންކަންވެސް ގާއިމުކުރެވޭ އަތޮޅުތެރޭގައި ހަގީގަތުގައި ޑީސެންޓްރަލައިޒްޑް ނުވަތަ ލާމަރުކަޒީކޮށް ޚިދުމަތް ދެމުން އެބަގެންދާކަން،" ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅަކީ ލާމަރުކަޒީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެހެންކަމުން އައިޑީކާޑު ޚިދުމަތުގެ އިތުރުންވެސް ދާޚިލީ ވުޒާރާގެ އެހެނިހެން ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ރައްޔިތުންނާ ގާތުން ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އައިޑީ ކާޑުގެ ޚިދުމަތް ގއ. ވިލިނގިލީގައި ފެށިގެންދިޔައީ އެއަތޮޅާއި އަތޮޅުގެ ރަށު ކައުންސިލްތަކުގެ އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރައްވައި އެފަދަ ޚިދުމަތްތައް އަތޮޅުތަކުގައި ފެށުމަށް ކައުންސިލްތަކުން އެއްބާރުލުން ދެއްވުމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އެދިވަޑައިގެންނެވިއެވެ.