ތަޢުލީމު

ރާއްޖޭގެ 9 ސްކޫލެއްގެ ޖާގަ އިތުރުކުރަނީ


ވަޞީލަތްތައް ފުރިހަމަ އަދި މަޤުބޫލު ސްކޫލްތަކެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން 9 ސްކޫލެއްގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތަކެއް ހަވާލުކުރައްވައިފިއެވެ.

މި މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ.

ވަޞީލަތްތައް ފުރިހަމަ އަދި މަޤުބޫލު ސްކޫލްތަކެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން 9 ސްކޫލެއްގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތަކަށް 67.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ. މި މަޝްރޫޢުތަކުގެ ދަށުން ޖާގަ އިތުރުކުރުމަށް ހަމަޖެހިފައިވަނީ ރ.އިނގުރައިދޫ ސްކޫލާއި، ރަސްމާދޫ ސްކޫލާއި، ރ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ނ.ހޮޅުދޫ މޭނާ ސްކޫލާއި، އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލް އަދި ހިތަދޫ ސްކޫލާއި، ކ.ދިއްފުށި ސްކޫލާއި އަދި ގާފަރު ސްކޫލްގެ އިތުރުން ކ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި މަޝްރޫޢުގެ ދަށުން ރ. އިނގުރައިދޫ ސްކޫލްގައި 2 ބުރީގެ 8 ކްލާސްރޫމް ޢިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ. 210 ދުވަހުގެ ތެރޭގައި ނިންމަން ހަލާކުރައްވާފައިވާ މި މަޝްރޫޢުގެ އަގަކީ 6.7 މިލިއަން ރުފިޔާއެވެ.

ރ. ރަސްމާދޫ ސްކޫލްގައި ޢިމާރާތް ކުރެއްވުމަށް ހަމަޖެހިފައިވަނީ 5 ކްލާސްރޫމްގެ ޖާގައިގެ ހޯލެކެވެ. މި މަޝްރޫޢު ހަވާލުކުރައްވާފައިވަނީ 3.65 މިލިއަން ރުފިޔާގެ އަގަކަށެވެ. އަދި، ރ. އަތޮޅު ތަޢުލީމީ މަރުކަޒު ގައި މަލްޓިޕަރޕަސް ހޯލެއް ޢިމާރާތްކުރުމަށް 6.8 މިލިއަން ރުފިޔާއަށް ވަނީ ޙަވާލުކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ނ. ހޮޅުދޫ މޭނާ ސްކޫލްގައި 6 ކްލާސްރޫމާއި ސްކޫލް ހޯލެއް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢު ހަވާލުކުރައްވާފައިވަނީ  8.49 މިލިއަން ރުފިޔާއަށެވެ. މިއީ ވޯލްޑް ބޭންކްގެ އެހީ އާއި ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި 3 މަޝްރޫޢުވެސް ހަވާލުކުރައްވާފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ވީ-އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލްގައި 8 ކްލާސްރޫމްގެ ޖާގައިގެ 2 ބުރީގެ އިމާރާތެއް ބިނާކުރުމަށް 7.9މިލިއަން ރުފިޔާއަށް ޙަވާލު ކުރައްވާފައިވާއިރު، ހިތަދޫ ސްކޫލްގައި މަލްޓިޕަރޕަސް ހޯލެއް ޢިމާރާތްކުރުމަށް 10.5 މިލިއަން ރުފިޔާއަށް ވަނީ ހަވާލު ކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ކ. ދިއްފުށީ ސްކޫލްގައި 6 ކްލާސްރޫމްގެ ޖާގައިގެ 2 ބުރީގެ ޢިމާރާތެއް ބިނާކުރާނެއެވެ. މި މަޝްރޫޢަށް 6.1 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި، ގާފަރު ސްކޫލްގައި ދެބުރި އިމާރާތަކާއިއެކު 8 ކްލާސްރޫމާއި ވަށާފާރު ޢިމާރާތްކުރުމަށް 7.5 މިލިއަން ރުފިޔާއަށް ވަނީ ޙަވާލު ކުރައްވާފައެވެ. އަދި ކ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕަރޕަސް ހޯލެއް ޢިމާރާތްކުރުމަށް 10.06 މިލިއަން ރުފިޔާއަށް ވަނީ ޙަވާލު ކުރައްވާފައެވެ.

މި ފަސް މަޝްރޫޢު ޙަވާލުކުރައްވާފައިވަނީ 365 ދުވަހުގެތެރޭގައި ނިންމާގޮތަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައިވާ މުއްދަތަށް ނިމޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ތަޢުލީމީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދަޢުލަތުގެ ބަޖެޓުން 360 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.