މި ސަރުކާރުގައި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންނަށް މިނިވަންކަމާއެކު ޕްރޮފެޝަނަލީ މަސައްކަތްކުރުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިކަން ހާމަކުރައްވާފައި މިވަނީ މިނިވަން މުއައްސަސާއެއްކަމަށްވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޒިންމާއަކީ ޤާނޫނުގެ ޙުކޫމަތް ނަގަހައްޓައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުލަތް ތަމްސީލުކުރުމުގައި ހާމަކަމާއި ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަނުވާ، އެއްގޮތް އުޞޫލަކުން ކަންކުރާ، ޖަވާބުދާރީކުރެވެނެވި، މުޙްތަރިފް ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޖޭއެސްސީފަދަ މިނިވަން މުއައްސަސާތަކުގަވެސް މީގެކުރީގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ސިޔާސީ މެންބަރުންވެސް ތަމްސީލްކުރެއްވިކަމަށެވެ.
ހީނާ ވިދާޅުވީ ޢައްބާސް ޝަރީފަކީ ޕީޖީގެ މަޤާމުގައި އެމަނިކުފާނުގެ ދައުރު މިނިވަންކަމާއެކު އަދާކުރައްވާނެ ބޭފުޅެއްކަމަށެވެ. ޢައްބާސްއަކީ ދާއިރާގެ ތަޖުރިބާހުރި ޕްރޮފެޝަނަލް ބޭފުޅެއްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، އެ މަޤާމު ފުރުއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފަރާތްޕުޅުން ނުވަތަ ސަރުކާރުގެ ފަރާތުން ސިޔާސީ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
"މިނިވަން މުއައްސަސާތަކަށް ޢައްޔަނުކުރައްވާ ބޭފުޅުންނަކީ ވަރަށް މިނިވަންކަމާއެކު އެބޭފުޅުހުންގެ ދަޢުރު އަދާކުރާ ބޭފުޅުން. އެކަމުގައި ރައީސްގެ ނުފޫޒެއް، ބާރެއް ނޯންނާނެ. ޢައްބާސްއަކީ މި މަޤާމަށް އެންމެ އެކަށީގެންވާ އަދި ޕްރޮފެޝަނަލް މަސައްކަތެއް ކުރެވޭނެ ބޭފުޅެއް." ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ޢައްބާސް ޝަރީފަކީ މީގެކުރީގައި ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާ އަދި ޤާނޫނީ ދާއިރާގައި ތަޖުރިބާހުރި، މި މަޤާމަށް އެންމެ ޤާބިލު ބޭފުޅެއްކަމަށެވެ. އެމަނިކުފާނުގެ ދަޢުރު ޕްރޮފެޝަނަލްކަންމަތީ އަދާކުރުމުގެ ފުރުޞަތު ފުރިހަމައަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ހީނާ ވަނީ ދެއްވާފައެވެ.
ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރައްވާ ޢައްބާސް ޝަރީފްވަނީ ޝަރުޢީ އަދި ޤާނޫނީ ދާއިރާއާ ގުޅުންހުރި މުހިންމު ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. އެމަނިކުފާނު ވަނީ ޤާނޫނީ ދާއިރާއަށް 23 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައެވެ.