ޚަބަރު

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުކަމަށް ދާއޫދު


  • ދާއޫދަކީ މިވަގުތު ހުޅުމާލޭ ފޮލިސް ސްޓޭޝަންގެ ހެޑް

  • ކުރިންވެސް އިސް މަގާމުތައް ވަނީ އަދާކުރައްވާފައި

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓްކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދާއޫދަށް ޕްރޮމޯޝަން ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓްވުމުގެ ކުރިން ދާއޫދު ހުންނެވީ ޗީފް ސުޕްރިޓެންޑެންޓުގެ މަގާމުގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި އޭނާ ވަނީ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމުވެސް އަދާކުރައްވާފައެވެ.

ދާއޫދަކީ މިވަގުތު ހުޅުމާލޭ ފޮލިސް ސްޓޭޝަންގެ ހެޑެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ.

ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާއެވެ.