ރާއްޖޭގެ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިން ޚިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އިހަވަންދިއްޕޮޅުގައި ގިނަ މަޝްރޫއުތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް މި މަހުގެ 19ވަނަ ދުވަހު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި އެ ޚިދުމަތް ފެށުމުން އެމްޕީއެލުން މެރިޓައިމްގެ 14 ޚިދުމަތެއް ބޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށާއި އެކަމަށް ތައްޔާރުވެފައިވާ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. މީގެ ތެރޭގައި ޕައިލެޓޭޖާއި ކްރޫ ބަދަލުކުރުމާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި މެއިންޓަނަންސް ޚިދުމަތް އަދި ޓަގް ޚިދުމަތް ފަދަ ޚިދުމަތްތައް ހިމެނެއެވެ.
އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ބަންކަރިންގެ ޚިދުމަތް މި މަހު އޮފް-ޝޯކޮށް ފެށިނަމަވެސް ދެވަނަ ފިޔަވަހީގެ ދަށުން ބޯޓުތައް ހޯރަފުއްޓަށް ބަނދަރުކޮށްގެން ޚިދުމަތްދިނުމަށް އިހަވަންދިއްޕޮޅަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާކަމަށެވެ. އެގޮތުން، ދެވަނަ ފިޔަވަހީގައި ހއ. ހޯރަފުށި ފަޅު ހިއްކައިގެން، އެތަނުގައި ތެޔޮ ޓާމިނަލަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
"މި ޕޯޓުން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭނަން. މިސާލަކަށް ޓަރަސްޕެންޑް ކާގޯ. މިކަމަކީވެސް ކޮންމެހެން ކުރަންޖެހިފައި، ނުކުރެވި އޮތްކަމެއްގެ ވާހަކަ މިދައްކަނީ. އެއާއެކު އަޅުގަނޑުމެން އެތާނގައި ބިޒްނަސް ސެންޓަރެއް ގާއިމުކުރާނަން. ތައްޔާރުކޮށްފައި އެތަން ވިޔަފާރިކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކޮށްލާނީ،" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ އުތުރަށް ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓަރމިނަލެއް ހއ. އިހަވަންދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ރަށުގައި ބޯޓުތަކަށް ޚިދުމަތް ދިނުމަށް ޑޮކްޔާޑެއްވެސް ގާއިމުކުރުމަށް ނިންމާފައިވާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
މީގެ އިތުރުން ހއ. އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓުތަކެއްދާ ރަށަކަށްވާތީ އެ ރަށުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އެ ޔޮޓު މެރީނާ ހެދުމަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އިހަވަންދިއްޕޮޅުގައި ކްރޫޒް ޓަރމިނަލެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވިއެވެ..