ޚަބަރު

ހާލު ކިހިނެއް ޕްރޮގްރާމް ވިލިމާލޭގައި؛ އެންމެ ބޮޑު ޝަކުވާއަކީ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުން


  • 78% މީހުންގެ ޝަކުވާއަކީ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުމުގެ ޝަކުވާ

ހާލު ކިހިނެއް ޕްރޮގްރާމްގެ ދަށުން ވިލިމާލެއިން ޒިޔާރަތްކުރި ގެތަކުން ލިބުނު އެންމެ ބޮޑު ޝަކުވާއަކީ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ވިދާޅުވީ "ހާލުކިހިނެއް" ޕްރޮގްރާމްގެ ދަށުން ވިލިނގިލީގެ 454 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށެވެ.

"ހާލު ކިހިނެއް" ޕްރޮގްރާމަކީ، ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުންމުގެ އަމާޒުގެ ދަށުން، ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުމަށްޓަކާ ސަރުކާރުންކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފައްޓަވާ ޕްރޮގްރާމެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވަޒީރުގެ ނައިބު މަރްޔަމް ލަހްފާ ވިދާޅުވީ "ހާލު ކިހިނެއް" ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. އަދި އާއިލާތަކުގެ ކަންބޮޑުވުންތައް އެފަރާތްތަކާއި ހިއްސާކުރަމުންދާކަމަށް ލަހްފާ ވިދާޅުވިއެވެ.

ލަހްފާ ވިދާޅުވީ ވިލިމާލޭގެ "ހާލުކިހިނެއް" ޕްރޮގްރާމްގެ ދަށުން ދެ ހަފްތާތެރޭގައި ވިލިނގިލީގެ 454 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށެވެ. އެގޮތުން ވިލިމާލޭގެ އާބާދީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އެކަށީގެންވާ ބޯހިޔާވަހިކަން ނެތުމުގެ މައްސަލަކަމަށް ލަހްފާ ވިދާޅުވިއެވެ. އެގޮތުން %78 މީހުން މިކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

" މި 454 ގޭބީސީތަކަށް ކުރި ޒިޔާރަތުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ޚާއްސަކޮށް މިބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަކުރި ގެތަކަށް ބަލާލައިރު އެވްރެޖްކޮށް ގެއެއްގައި އެބައުޅޭ 6 މީހުންނާއި 10މީހުންނާއި ދޭތެރެ. ބައެއް ގެތަކުން އެބަ ފާހަގަކުރެވޭ މަދުވެގެން 2 މީހުން. އަދި މިހެން ގޮސް 21 މީހުން ދިރިއުޅޭ ގޭބީސީއާއިވެސް އަޅުގަނޑުމެންނާއި ދިމާވެފައި އެބަހުރި" ލަހްފާ ވިދާޅުވިއެވެ.

ލަހްފާ ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަމުގެ ޝަކުވާ ފާހަގަކުރި ފަރާތްތަކުގެ %53 މީހުންނަކީ ކުލި ދައްކައިގެން ދިރިއުޅެމުންދާ ފަރާތްތަކެވެ. އަދި %38 ފަރާތަކަކީ ވާރުތަ މުދާ ބަހައިގެން ދިރިއުޅެމުންދާ ފަރާތްތަކެވެ. މީގެއިތުރުން %6 ފަރާތަކީ އަމިއްލަ ބޯހިޔާވަހިކަމުގައި އުޅެމުންދާ ފަރާތްތައްކަމަށް ލަހުފާ ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވަޒީރުގެ ނައިބު މަރްޔަމް ލަހްފާ ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އަމިއްލަ ފުއްދުއްތެރިކަން ނެތުމުގެ ސަބަބުން މާލީ އެހީތެރިކަމަށް އެދިފައިވާ 28 ފަރާތެއް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ޒަރޫރީ އެހީތެރިކަން ބޭނުންވާ 4 އާއިލާއެއްވެސް ދެނެގަނެވިފައިވާކަމަށް ވިދާޅުވިއެވެ. މިފަރާތްތަކަަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ބައެއް ފަރާތްތަކަށް މިހާރު އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ލަހްފާ ވިދާޅުވިއެވެ.

ލަހްފާ ވިދާޅުވީ އަދަދުތައް މިހެން ހުރިނަމަވެސް މީގެ ތެރެއިން %48 މީހުންނަކީ ދައުލަތުގެ ޚާއްސަ ސަމާލުކަން ބޭނުންވެފައި ނުވާ މީހުންކަން ފާހަގަވެފައިވާކަމަށެވެ.

އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަމެއްކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ މިގޮތަށް، ރާއްޖޭގެ ހުރިހާ އާއިލާތަކަށް، ވުޒާރާއިން ޒިޔާތަރްކޮށް، ހާލުބެލުމުގެ ޕްރޮގްރާމެއް ހިންގަމުންދާ ފުރަތަމަ ފަހަރެވެ.