ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓުކުރާ ކިޓުތަކެއް ހަދިޔާކޮށްފިއެވެ.
ޑަބްލިޔުއެޗްއޯގެ ފަރާތުން ޓެސްޓް ކިޓްތައް ހަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރު ޑރ.ޕަޑްމަލް ޑި ސިލްވާއެވެ. ސިއްޙީ ވުޒާރާގެ ފަރާތުން މި ޓެސްޓް ކިޓުތަކާއި ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ.
މި ކިޓުތަކުގެ ސަބަބުން އެމްޕޮކްސް ފެތުރިދާނެކަމަށް ރާއްޖެއިން ވަމުން އަންނަ ތައްޔާރީތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
އިންސާނުންގެ ފުރާނައަށް ނުރައްކާވާ ބައްޔެއް ކަމުގައިވާ އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދުނިޔޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. މި ބަލި ދެކުނު އޭޝިއާގެ ބައެއް ޤައުމުތަކުންވެސް މިހާރު ވަނީ ފެނިފައެވެ.
WHO donated mpox test kits to the Ministry of Health, boosting our preparedness and response efforts against Mpox. Together, we're fortifying our efforts to combat the disease!
— Ministry of Health (@MoHmv) September 12, 2024
We extend our gratitude to WHO for their ongoing support.@WHOMaldives @WHOSEARO @HPA_MV #Mpox pic.twitter.com/zEeLcO7WG7
ސިއްޙީ ވުޒާރާއިން ވަނީ އެމްޕޮކްސް ރާއްޖޭން ފެނިއްޖެ ހާލަތެއްގައި އިދާރާތަކުން ޢަމަލުކުރަންވީ ގޮތް އަންގާ ފަރުވާގެ ކަންކަން އިންތިޒާމުކޮށް ޞިއްހީ ޚިދުމަތްތެރިން ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި ބައްޔާއި ގުޅޭގޮތުން ޞިއްހީ ޚިދުމަތްތެރިންނާއި ޢާއްމުންގެ އިތުރުން ރާއްޖޭގައި ތިބި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީން ހޭލުންތެރިކުރުވުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭންވަނީ ފައްޓަވާފައެވެ.
އެމްޕޮކްސް މައިގަނޑު ގޮތެއްގައި ޖެހެނީ ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމުންނެވެ. ބަލީގެ ޕެންޑެމިކް އޮތް ރިޕަބްލިކް އޮފް ކޮންގޯ ފިޔަވާ ދުނިޔޭގެ އެހެން ޤައުމުތަކުން ބަލި ފެންނަމުންދާއިރު އެހެން ޤައުމުތަކުން ފެންނަ ގިނަ ކޭސްތަކަކީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ފެތުރެމުންދާ ކޭސްތަކެއްކަން ޑަބްލިއުއެޗްއޯއިންވަނީ ފާހަގަކުރައްވާފައެވެ.