ޚަބަރު

ކައުންސިލްތަކާއި ގުޅިގެން މަސްވެރިން ދަފްތަރުކުރުމަށް މަޝްވަރާކޮށްފި


  • މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައި

ކައުންސިލްތަކާއި ގުޅިގެން މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތްކުރުމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާގައި ބައިވެރިވެވަޑައިގަތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އަދި އެ ދެވުޒާރާގެ އިސް ބޭފުޅުންނެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް އަދި އެ ވުޒާރާގެ ޓީމުން ވަނީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާގޮތުގެ އަދާހަމަ މައުލޫމާތު ދެއްވާފައެވެ.

މި މަސައްކަތް ކުރިއަށްދަނީ ރާއްޖެ ޒޯނުތަކަކަށް ބަހާލައިގެން، ވުޒާރާގެ ޓީމުތަކާއި ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުތަކާ ގުޅިގެންކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ވަރަށް ގިނަ މަސްވެރިން ދަފުތަރުކުރެވިފައިވާ ކަމަށްވެސް މަޢުލޫމާތުވެސް ވަނީ ދެއްވާފައެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދެ ވުޒާރާ ގުޅިގެން މަސައްކަތްކުރާނެ ޚާއްޞަ ޓީމެއް އެކުލަވާލުމަކީ މުހިންމުކަމެއްކަމަށެވެ. މީގެ އިތުރުން، ކައުންސިލްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ދަފުތަރުގެ މަޢުލޫމާތު ހިއްސާކުރައްވާނެ ކަމަށާއި، އެ ވުޒާރާގެ ޓީމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، މަސްވެރިން ދަފުތަރުކުރުމަށް ކައުންސިލްތަކަށް ބޭނުންވާ އިތުރު އެހީތެރިކަމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މަސްވެރިން ޤައުމީ ދަފްތަރު އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.