ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވަނީ ބޮޑުތަކުރުފާނު ފެށްޓެވިފަދަ އިސްލާހީ މަސައްކަތެއް: ވަޒީރު އާދަމް ނަސީރު


  • ރައީސުލްޖުމްހޫރިއްޔާ އަކީ އަދުގެ ތާރީޚުގެ މުސްލިހު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވަނީ މުހައްމަދު ތަކުރުފާނު ފެއްޓެވިފަދަ އިސްލާހީ މަސައްކަތެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޮޑުތަކުރުފާނުގެ ވާހަކައަށް އަލިއަޅުވާލައްވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ތާރީޚުގެ އެކި ހިސާބުތަކުގައި މުސްލިހުން އުފެދޭ ކަމަށާއި ޒަމާންތަކެއް ކުރިން ރާއްޖޭގައިވެސް މުސްލިހުން އުފެދުނު ކަމަށެވެ. އަދި މުހައްމަދުތަކުރުފާނު ރާއްޖޭގެ އުދަރެހުން ވިދާލި ދުވަސްވަރަކީ ރާއްޖެއަށް އިސްލާހުތައް ބޭނުންވެފައި އޮތް ދުވަސްވަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިވެފައިވުމުން ދިވެހި ދައުލަތެއް އަލުން އިޔާދަކޮށް އިސްލާހުކުރަން އޭރު ޖެހުނުކަން ފާހަގަކުރައްވާ އެއީ މުސްލިހަކު ބޭނުންވެފައި އޮތް ދުވަސްވަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުހައްމަދު ތަކުރުފާން ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުން ރާއްޖެއަށް ލިބުނީ އައު މޫސުމެއްކަމަށް ކަމަށާއި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ފައްޓަވާފައިވަނީ އެފަދަ އިސްލާހީ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އަޚްލާޤު އިސްލާހު ކުރެއްވުން، ރާއްޖޭގެ މިނިވަންކަން ބާރުގަދަ ކުރައްވާ އިސްލާހު ކުރެއްވުން، ރާއްޖޭގެ މަސައްކަތްތެރިކަން އިސްލާހު ކުރެއްވުން، ޒުވާނުންގެ ހުނަރާ ފަންނުވެރިކަން އިޔާދަކޮށް އިސްލާހު ކުރެއްވުން، ދިވެހީންގެ ތާރީޚާ ތަރިކަތައް ދިވެހިންގެ ހިތްތަކާ ދިރިއުޅުމުގެ ބަޔެއްކަމަށް ގެންނަވާ ދިވެހިންގެ ރޫހު ގެނެސް އިސްލާހުކުރުމުގެ މަސައްކަތް ރައީސް ފެއްޓެވީ. ރައީސް އަކީ އަދުގެ ތާރީޚުގެ މުސްލިހު، ރައީސް ޑރ. މުއިއްޒަކީ ދިވެހިން އަލުން އައު ހަޤީޤަތްތަކުގެ މައްޗަށް ހޭލައްވާލުމުގެ ބާނީ" ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރު އިތުރަށް ވިދާޅުވީ ޤައުމީ ދުވަހަކީ ޒަމާންވުމަކުން އޭގެ ޒިކްރާއަށް ފަނޑުކަމެއް އަންނަކަމެއް ނޫންކަމަށެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު މެދުކެނޑުމެއްނެތި 400 އަހަރުވަންދެން އެއްޖީލުން އަނެއްޖީލަށް ދަތުރުކުރަމުން އައި އޮޑިއަކީ ކަޅުއޮށްފުންމިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދިވެހިންގެ ސިކުނޑީގައި އެ އޮޑި ނިމުމެއްނެތި ދަތުރުކުރަމުންދާ ކަމަށާއި އޭގެން ވެސް ދޭހަވަނީ ޤައުމީ ދަތުރަކީ ނިމުމެއް އޮތް ދަތުރެއް ނޫން ކަމަށެވެ. ޤައުމު ސަލާމަތް ކުރުމުގެ ދަތުރަކީ މަޑުޖެހުމެއް އޮތް ދަތުރެއް ނޫން ކަމަށްވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.