ޚަބަރު

ރާއްޖޭގައި އިސްލާމީ ސަޤާފަތް ދިރުވަން ރައީސްގެ ތަޞައްވުރު ވަރަށް މުހިންމު: ވަޒީރު ޑރ.ޝަހީމް


  • މުޙައްމަދު ތަކުރުފާނުގެ ސީރަތުން މިހާރުގެ ޖީލުން ފިލާވަޅުތައް ލިބިގަންނަންޖެހޭ

  • އިސްލާމީ އަގީދާއާ ބެހޭގޮތުން އިރުއިރުކޮޅާ ހަދާންކޮށްދޭ ޒައާމަތެއް އޮތުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއް

އިސްލާމީ ސަގާފަތާއި ރިވެތި އާދަކާދައާއި އަޚްލާގު ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ މިއަދު ޤައުމު އިންތިހާއަށް ބޭނުންވާ ތަސައްވުރެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މުޙައްމަދު ތަކުރުފާނުގެ ސީރަތުން މިހާރުގެ ޖީލު ފިލާވަޅުތައް ލިބިގަންނަންޖެހޭ ކަމަށެވެ. އެމަނިކުފާނަކީ ހިތްވަރާއި އަޒުމުގެ މަދަރުސާއެއް ކަމަށާއި ޤައުމު ދެކެ ލޯބިވުމާއި ދީނަށް ވަފާތެރިވެ އަގީދާއަށް އަމާނާތްތެރިވުމުގެ މަތިވެރި ނަމޫނާއެއް ދެއްކެވި ޝަހުސިއްޔަތެއް ކަމަށެވެ. އަދި ދިވެހިރާއްޖެ މިއަދު އިސްލާމީ އަގީދާގެ މަތީގައި ސާބިތުވެ އޮތީ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދުގެ ސަބަބުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ބަހާތަކާއި އިސްލާމީ އަގީދާއާއި ހިދާޔަތާ ބެހޭގޮތުން އިރުއިރުކޮޅާ ހަދާންކޮށްދޭ ޒައާމަތެއް ގާއިމްވެފައި އޮތުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ޤައުމުން ބީވެގެންދާ އިސްލާމީ ސަގާފަތާއި ރިވެތި އާދަކާދައާއި އަޚްލާގު ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ މިއަދު ޤައުމު އިންތިހާއަށް ބޭނުންވާ ތަސައްވުރެއް ކަމަށެވެ.

"ކުރިމަގުގެ ޖީލުތަކަށްޓަކައި އަޅުގަނޑުމެން މިއަދު އެތަސައްވުރުގެ އަލީގައި މަސައްކަތް ކުރަންޖެހޭ. ޤައުމީ ބަހާތައް އިޢާދަކޮށް ރިވެތި އަޚްލާގުގައި ހިފާ، އިސްލާމީ ހިދާޔަތުގެ މަތީގައި ސާބިތުވެތިބެ، އަޅުގަނޑުމެންގެ އަޤީދާގައި ހިފަހައްޓައިގެން ތިބެ އަޅުގަނޑުމެން ކުރިއަށްދާންވީ،" އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ އުތީމަކީ ދިވެހި އުއްމަތަށް ޒަޢާމަތެއް ނެރުއްވި މަދަރުސާއެއް ކަމަށެވެ. ރަށް ކުޑަނަމަވެސް ފަޚުރުވެރި ތާރީޚުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރުން ކަމަށާއި މިއަދުވެސް އެފަދަ ޝަހުސިއްތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތްކަމަށް ވިދާޅުވިއެވެ. އަދި އުތީމުން ކުރާ ޤައުމީ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.