ތަޢުލީމު

މަތީ ސާނަވީ ނިންމި 16 ކުއްޖަކު ދުނިޔޭގެ ގަދަ 10 ގައި


2015 ވަނަ އަހަރުގެ މަތީ ޘާނަވީ ނިންމާ އިމްތިހާނުން ރާއްޖޭގެ 16 ކުއްޖަކު ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނި، އެކައުންޓިން މާއްދާއިން 100 އިންސައްތަ ހޯދައިގެން ރާއްޖޭގެ 12 ކުއްޖަކު ދުނިޔޭގެ އެއްވަނައިގައި ހިމެނިއްޖެއެވެ.

2015 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނާއި އެކި މާއްދާތަކުން ރާއްޖޭގެ އެއްވަނައާ ދުނިޔޭގެ ފެންވަރުގެ ވަނަތައް ހާޞިލްކުރި ކުދިންނަށް އިނާމް ދިނުން އޮތީ ރޭ މިކަމަށްޓަކާ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 77 އިންސައްތަ މަތިވެފައިވާއިރު، މިފަހަރު 5 މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު 28 ދަރިވަރުންނަށް އިނާމާއި، ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ އަބުދުއްﷲ ޔާމީން އަބުދުލްޤައްޔޫމެވެ.

އެޑްއެކްސްއެލް އޭލެވެލް އިމްތިހާނުތަކުން ތިން އޭ ސްޓަރ އަށް ވުރެ މަތިން ނަތީޖާ ހާސިލްކޮށްގެން އެޑްއެކްސްއެލް އިން ދޭ ހައި އެޗީވާރ އެވޯޑް 9 ދަރިވަރަކު ވަނީ ހާސިލްކޮށްފައެވެ.

މަތީޘާނަވީ ތަޢުލީމް ނިންމާ އިމްތިހާނުތަކުން ރާއްޖޭގެ 20 ސްކޫލަކުން ޖުމްލަ 228 ދަރިވަރަކު ރާއްޖޭގެ އެންމެ މަތީ 10 ވަނަ ހާސިލްކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނިފައިވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ 53 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދީފައިވާއިރު، ޖުމްލަ 48 ސެންޓަރަކުން 2120 ދަރިވަރުން މަތީ ޡާނަވީ އިމްތިހާނު ފުރިހަމަކޮށްފައިވެއެވެ.

މިދިޔަ އަހަރު ދަރިވަރުން ބައިވެރިވި މާއްދާތަކުގެ ތެރެއިން އޭ އަދި ބީ ގްރޭޑް ލިބިފައިވާ ނިސްބަތް 2014 ވަނަ އަހަރާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. އެހެންނަމަވެސް 2014 ވަނަ  އަހަރާއި އަޅާބަލާ އިރު، މިދިޔަ އަހަރު ސީ ގްރޭޑް ލިބިފައިވާ އިންސައްތަ 32 ން 24 އަށް ވަނީ ދަށްވެފައެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ޔޫ ގްރޭޑް ލިބިފައިވާ އިންސައްތަ ވަނީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް 21 އިންސައްތާގައި ހިފެހެއްޓިފައެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ ދަރިވަރަކީވެސް އެ ކުދިންގެ މަދުރަސީ ތަޢުލީމް ފުރިހަމަކޮށްގެން ސްކޫލުން ނުކުންއިރު، ތަޢުލީމީ ރޮނގުންނާއި ފަންނީ ރޮނގުން އިތުރަށް ކުރިއަށް ދެވޭނެ ފުރުސަތުތައް ފަހިވެފައިވާ ޤާބިލް ބަޔަކަށް ހެއްދެވުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.