ޚަބަރު

ފުވައްމުލަކަށް ގެންދިޔަ 1200 ކިލޯވޮޓްގެ ޖެނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި


  • ކަރަންޓުގެ މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ޙައްލުވެގެންދާނެ

  • ރައްޔިތުންނަށް އިތުރަށް ޔަޤީންކަންމަތީ ކަރަންޓުގެ ޚިދުމަތް ލިބިގެންދާނެ

ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކާ އެސިޓީއަށް 1200 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވީ، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް 1200 ކިލޯވޯޓްގެ ޖެނެރޭޓަރެއް އެ ސިޓީއަށް ގެންދެވި، މިހާރު އެ ޖެނެރޭޓަރ އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި އައު ޖެނެރޭޓަރ އިންސްޓޯލްކޮށް ނިމުމުން، ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ޙައްލުވެގެންދާނެ ކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް އިތުރަށް ޔަޤީންކަންމަތީ ކަރަންޓުގެ ޚިދުމަތް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއެވެ.

ފުވައްމުލައް ސިޓީގެ ކަރަންޓު އުފެއްދުމުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުން ދިޔުމާއެކު، މި ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރަމުންދާކަމަށް މިއަހަރުގެ ޖެނުއަރީ މަހު އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އެ ސިޓީގައި ބޭނުންކުރަމުންދިޔަ ޖެނެރޭޓަރެއް ހަލާކުވުމާ ގުޅިގެން، ކަރަންޓުގެ ޑިމާންޑަށް އެކަށީގެންވާ މިންވަރަށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، ވަގުތީ ހައްލެއްގެ ގޮތުން އިމަރޖެންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓަކާއި، އެހެން ރަށެއްގައި އިންސްޓޯލް ނުކޮށް ހުރި 800 ކިލޯވޮޓްގެ އިތުރު ޖެނެރޭޓަރު ސެޓެއް ފުވައްމުލައް ސިޓީއަށް ގެނެވުނެވެ.

ނަމަވެސް، މިއީ ދާއިމީ ހައްލެއް ނޫންކަމަށާއި، ހޫނުގަދަވެ ކަރަންޓުގެ ބޭނުން އިތުރުވާ މޫސުމުގައި އިތުރު ޖެނެރޭޓަރުތަކެއް ބޭނުންވާނެކަމަށް ފެނަކައިން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ ދަތިތައް ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެންމެހައި ރަށްތަކުގެ ކަރަންޓާ ގުޅުންހުރި މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.