ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ތުހުމަތުވާ މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ޖުލައިމަހުގެ 31 ގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން 3 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކްސިޑެންޓްވުމުން ފިލިކަމަށް ތުހުމަތުކުރެވޭ މ. ލޭންޑް އޮފް ގާރޑްން، އިބްރާހީމް އިކްރާމް ހައިކޯޓުން އިއްޔެވަނީ ދޫކޮށްލާފައެވެ.
ހައިކޯޓުން އޭނާ ދޫކޮށްލަން ނިންމި ނިންމުމުގައި ވިދާޅުވީ އިކްރާމަށް ވަކީލަކު އައްޔަންކޮށްފައިވަނީ ވަކީލަށް ހާޒިރުވާނެ ފުރުޞަތު ނުލިބޭގޮތަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އެހެންކަމުން އޭނާ ތަހުގީގު ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރަކީ ވަކީލެއްގެ ފުރުޞަތު ނުދީ ނެރުނު އަމުރަކަށްވާތީ އެ އަމުރު ބާތިލުކުރުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.
މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވަނީ މިކަން ހިނގިގޮތް ތަހުގީގުކޮށް އިހުމާލުވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ދޫކޮށްލި މީހާ އަލުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
High Court in dhookolli meeha mihaaru vany court amurehge dhashun fuluhunge hayyarah genevifa! https://t.co/AH8dbyl5FU
— Minister of Homeland Security & Technology (@min_mohst) September 1, 2024
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލްނުވެ ގޮސް ޖެހިފައިވަނީ މަގުމަތީގައި ޕާކުކޮށްގެން މީހަކު އިން ސައިކަލެއްގައެވެ. އެ އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ.
މި މައްސަލައިގައި އިބްރާހިމް އިކްރާމްގެ އިތުރުން އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާނާއި، ގއ. ކަނޑުހުޅުދޫ އާޒާރުގެ ޖިނާހް އިސްމާޢީލެވެ.