މާލޭ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތައް ޤާނޫނާއި ޤަވާއިދުގެތެރެއަށް ގެނައުމުގެ ފުރުޞަތު ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރެޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި، އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް އޭ ޒޯނުގައި ދުއްވާ ދުއްވުމާއި، ޕާކުކުރުމާއި ބޭނުންކުރުން ހުޓުވައި، އެ އުޅަނދުތައް ޤާނޫނާއި ޤަވައިދުގެ ތެރެއަށް ގެނައުމުގެ ފުރުޞަތުދޭން ނިންމާފައިވާކަމަށެވެ.
އެގޮތުން ދަތުރުފަތުރާ ގުޅޭ ވުޒާރާއާއި ކަމާ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ހުޅުމާލޭގެ ލޮޓް ނަންބަރު 452 ބިމުގައި ވަނީ މިފަދަ އުޅަނދުތައް ވަގުތީގޮތުން ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
ވުޒާރާއިން ވަނީ މާލޭ ޒޯންގައި ޤަވައިދާ ޚިލާފަށް ދުއްވާ އަދި ގެންގުޅޭ އުޅަނދުތައް ވީއެންމެ އަވަހަކަށް އެ ސަރަޙައްދުގެ ޕާކިން ޒޯނަށް ގެންގޮސް، އެ އުޅަނދުތައް ޤަވައިދުގެ ތެރެއަށް ވެއްދުމަށް ދީފައިވާ ފުރުޞަތުގެދަށުން އެމަސައްކަތް ކުރުމަށް އެދިފައެވެ.
އެ ވުޒާރާއިން ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެދަށުން އެކުލަވާލާގައިވާ ގަވައިދުތަކުގައިވާ ގޮތުގެމަތިން އުޅަނދާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ވީހާވެސް އަވަހަށް ފުރިހަމަކުރުމަށް އަންގާފައެވެ. މި އެންގުމާ ޚިލާފުވާ އުޅަނދުތަކާމެދު އެއްގަމުދަތުރުފަތުރުގެ ޤާނުނުގެދަށުން ފިޔަވަޅު އަޅާނެކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ދަތުރުފަތުރާ ބޭހޭ ވުޒާރާއިން މި ފުރުޞަތުދޭން ނިންމާފައިވަނީ މާލެއާ ހުޅުމާލޭގައި ޤަވައިދާ ޚިލާފަށް އުސޫލުގެ ބޭރުން އުޅަނދު ދުއްވާ މައްސަލަ ޙައްލުކޮށް، މާލޭގެ ތޮއްޖެހުމާ ޓްރެފިކް މައްސަލަތަކަށް ޙައްލު ގެނައުމަށް ކުރަމުންދާ މަސައްކަތުގެދަށުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ އުޅަނދުތައް ބޭއްވުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓާއި އިންވެގެން އޮންނަ ހުސް ބިމެއް ހަމަޖައްސަވައިދެއްވާފައެވެ. ބިން ހަމަޖައްސަވާ މީޑިއާއާއި ވާހަކަދައްކަވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، ބިން ހަމަޖައްސަނީ ގަވައިދާ ޚިލާފައި އުޅަނދުތައް ގެންގުޅެން މާލެއިން ފުރުޞަތު ދިނުމަށް ނޫންކަމަށެވެ. އޭގެ ބަދަލުތައް އެ އުޅަނދުތަކުގައި ހުރި މައްސަލަތައް ޙައްލުކޮށް ގަވައިދާ އެއްގޮތަށް އުޅަދުތައް ގެންގުޅުމަށް ފުރުޞަތު ދިނުމަށްކަމަށެވެ. މާލޭގައި 1200އަށްވުރެ ގިނަ ހަތަރު ފުރޮޅުލީ އުޅަނދު ޤަވާއިދާ ޚިލާފަށް ގެންގުޅޭމުންދާކަމަށް އެ ވުޒާއާއިން ވަނީ ވިދާޅުވެފައެވެ.