ރާއްޖޭގައި އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު ޤަވާއިދާ ޚިލާފަށް މަސްވެރިކަން ނުކުރެވޭވަރަށް މޮނިޓަރ ކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މީގެކުރިންވެސް ވަނީ ލޭނު މަސްވެރިކަން ކޮށްފައެވެ. ނަމަވެސް އެއިރު އެ މަސްވެރިކަން ހުއްޓާލާފައިވަނީ ބައެއް ކަންކަން އިސްލާހުކުރުމަށް އީޔޫއިން އެންގުމާއި ގުޅިގެންނެވެ.
2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލާފައެވެ. ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުމަށް ހުޅުވާލާފައިވަނީ ލޯބޮޑު ކަންނެލި، ރީނދޫ އުރަހަ ކަންނެލި އަދި ހިބަރު މަސްވެރިކަމަށެވެ.
ނަމަވެސް ލޭނުގައި އެޅި މަރުވާ މިޔަރު ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ހުޅުވާލާފައެވެ. އެއީވެސް ވަކި ޚާއްސަ އުސޫލެއްގެ ދަށުންނެވެ. އާންމުކޮށް ލޭނުގައި މިޔަރު ޖެހޭ އިންސައްތައަކީ %3 ނުވަތަ %4 ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ލޭނުގައި މިޔަރު ޖެހޭ މިންވަރު ދަށްކުރުމަށްޓަކައި ލޭނު އަޅަންޖެހެނީ 60 މީޓަރަށްވުރެ ފުނުގައިކަމަށާއި، ލޭނުގައި ޖެހޭ މިޔަރު ޕްރޮސެސްކުރެވޭނީ މަރުވެފައި އޮތްނަމަ އެކަނި ކަމަށް ލޭނު މަސްވެރިކަމާ ބެހޭ ޤަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލާއިރު ޤަވާއިދާ ޚިލާފަށް މަސްވެރިކަން ނުކުރެވޭވަރަށް މިކަން މޮނިޓަރ ކުރާނެކަމަށެވެ. އެގޮތުން މިނިސްޓްރީން ކަނޑައަޅާ ބަނދަރަކުން ފުރައި އެ ބަނދަރަކަށް ލެފުމާއި، ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސްދޭގޮތަށް ހެދުމާއި، ދޯނިތަކުގައި ކެމެރާ ހަރުކުރުން ލާޒިމުވާނެއެވެ.
ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގައި ޓްރެކިން ޑިވައިސް ހަރުކުރުމުގެ ސަބަބުން ޑިވައިސް ހަރުކޮށްފައިވާ އެހެން ދޯންޏަކުން އެ ދޯންޏަށް ކައިރިވުމުން އެކަން އިނގޭނެއެވެ. އެހެންކަމުން ކަނޑުމަތީގައި މަސް ބަދަލުކުރުމުގެ ކަންކަމަށް ހައްލެއް ލިބިގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ލޭނު މަސްވެރިކަން ކުރަން ހުއްދަދެނީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން 100 މޭލު ބޭރުގައެވެ. މިގޮތަށް ހުއްދަދޭއިރު މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކަންނެލި ބާނަން އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ލޭނު އަޅަން ހުއްދަ ނުދޭން ނިންމާފައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލާއިރު މިއީ ރާއްޖެއަށް މަންފާ ކުރާނެ މަސްވެރިކަމަކަށް ވާނެކަމަށެވެ. އަދި ގިނަ އަދަދެއްގެ މަސްވެރިން މިކަމަށް ޝައުގުވެރިވާކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.