މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަންގައި މަޝްވަރާކުރެވުނު ކަންތައްތަކަށް ރިޕޯޓެއް ތައްޔާރުކޮށް ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރާނެކަމަށް މަޓާޓޯއިން ބުނެފިއެވެ.
މި ކޮންފަރެންސް ބާއްވާފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯއިން މިމަހުގެ 19 ވަނަ ދުވަހުއެވެ. މިއީ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސްގެ ވިމެންސް އެޑިޝަން ބޭއްވި ފުރަތަމަ ފަހަރެވެ.
އެއް ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ކޮންފަރެންސާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވިދާޅުވީ، މި ކޮންފަރެންސްއަށް ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.
ސޫޒަން ވިދާޅުވީ، ކޮންފަރެންސްގެ ތެރެއިން މަޓާޓޯއިން ހާސިލުކުރަން ބޭނުންވާ ކުރު ރާސްތާ އަދި ދުރު ރާސްތާގެ އަމާޒުތަކެއް އެބަހުރިކަމަށެވެ. ނަމަވެސް މިއީ އެންމެ ދުވަހަކުން ހާސިލްވާނެ ކަންތައްތަކެއް ނޫންކަމަށާއި، ކޮންފަރެންސް ބޭއްވީ މިފަދަ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަންކަމަށްވެސް ސޫޒަން ފާހަގަކުރެއްވިއެވެ.
ކޮންފަރެންސްގެ ތެރެއިން އަންހެނުންނަށް ދިމާވެފައި ހުރި ގޮންޖެހުންތަކާއި އެކަންތައްތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރިއިރު، އެ މަޝްވަރާގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކަށް ހުށަހަޅާނެކަމަށް ސޫޒަން ވިދާޅުވިއެވެ.
"އެތަނަށް ވަޑައިގެން ތިއްބެވި ފަރާތްތަކަށް އެ ވާހަކަތައް ހުންނާނީ އަޑުއިވިފައި. އެކަމަކު އިތުރު ބޭފުޅުންނަށް މިކަންތައްތައް އަޑުއިއްވަން އަޅުގަނޑުމެން ބޭނުން. އެހެންވީމަ ރިޕޯޓް އަދި ތައްޔާރުކުރެވުނީމަ އަދި އިތުރަށް މި ކުރިއަށްދާނީ. ރިޕޯޓް ތައްޔާރުކޮށްފައި ސްޓޭކްހޯލްޑާސްއަށާއި ޕޮލިސީ މޭކާރސްއަށް ހުށައަޅައި އޭގަ އެކްޝަންއެއް ހޯދުން މީގަ ޕޮއިންޓްއަކީ. އެހެންވީމަ އެކަން އަދި އެބައޮތް ކުރިއަށް." ސޫޒަން ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި މަޝްވަރާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން މި ސިނާއަތުގެ އިސް މަގާމުތަކުގައި އަންހެނުން މަދުކަމާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ އަންހެނުންނަށް މުޖްތަމައުގެ ތެރޭގައި އޮންނަ ދަތިތަކާއި، ދެކޭގޮތް ގޯސްވުންފަދަ ކަންކަމާއި ގުޅޭގޮތުން ކޮންފަރެންސްގައި ވާހަކަދައްކާފައިވާކަމަށް މަޓާޓޯއިން ބުނެއެވެ.