ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް، ލަންޑަންގެ ފަރާތުން ދޭ އަހަރީ އެވޯޑްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްއަށް "މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް އިންޑިއަން އޯޝަން 2016" އެވޯޑު ލިބިއްޖެއެވެ.
ބީއެމްއެލްއަށް މި އެވޯޑް ލިބިފައިވަނީ، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިންގ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަކިން ޚާއްސަކޮށް ބޭންކުން ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ އަގުވަޒަންކޮށެވެ. ބޭންކުގެ ފަރާތުން މި އެވޯޑާ ޙަވާލުވެވަޑައިގަތީ، ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީއާއި ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީންއާއި ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.
މި އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލްއިން ބުނެފައިވަނީ، ބީއެމްއެލްއިން ތަޢާރަފްކުރި ރާއްޖޭގެ ފުރަތަމަ މޯބައިލް ބޭންކިންގ އެޕްލިކޭޝަނާއި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ތަޢާރަފްކުރުމާ ގުޅިގެން މުޅި ރާއްޖޭގައިވެސް ލުއި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ހޯދުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. އަދި ބޭންކުން ފުރިހަމަކަމާއެކު ކުރިއަށް ގެންދާ ދޯނި ބޭންކިންގ ޚިދުމަތަށާއި ދާދި ފަހުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކުން ތައާރަފް ކުރި ކޭޝް އެޖެންޓް ޚިދުމަތަށްވެސް ފަނޑިޔާރުން ވަނީ ތައުރީފްކޮށްފައެވެ.
މި އެވޯޑްތައް ލިބުނު އެހެން ބޭންކްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބޭންކްތައް ކަމަށްވާ ޔޫބީއެސް، ބީއެންވައި މެލަން އަދި ކޮމާރސް ބޭންކް ހިމެނެއެވެ. ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލްއަކީ، ވިޔަފާރި، އިގްތިޞާދީ އަދި މާލީ ޚަބަރުތައް ގެނެސްދޭ ޕްރިންޓް އަދި އޮންލައިން ނޫހެކެވެ. މި ނޫހުގެ މައި މަރުކަޒު ހުންނަނީ، އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.