ދިވެހި ރެޑް ކްރެސެންޓުން ދެމުންދާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ. މި މޯބައިލް އެޕްލިކޭޝަން މިމަހުގެ 27 ގައި އިފްތިތާހްކުރާނެކަމަށް ދިވެހި ރެޑް ކްރެސެންޓުން ހާމަކުރެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދިވެހި ރެޑް ކްރެސެންޓްގެ މެނޭޖަރ ޕްރޮގްރާމްސް އެންޑް ސަރވިސަސް އިބްރާހިމް ޝަމީލް ވިދާޅުވީ، އެ ޖަމްޢިއްޔާއިން މަސައްކަތް ކުރަމުން ދަނީ ދޭ ޚިދުމަތް ފަސޭހައިން އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި މޯބައިލް އެޕްލިކޭޝަނެއް އިފްތިތާހްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އެ ޖަމްޢިއްޔާއަށް 15 އަހަރު ފުރުމާއި ގުޅުވައިގެން އިފްތިތާހްކުރާ އެޕްލިކޭޝަނެއްކަމަށް އޭނާ ވިދާޅުވިއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއިއެކު އެ ޖަމްޢިއްޔާގެ ދަރުމަވެރިއަކަށް އަދި މެންބަރަކަށްވުމުގެ ފުރުސަތު ފަހިވާނެކަމަށް ޝަމީލް ވިދާޅުވިއެވެ.
"ކިހިނެއްތޯ އަޅުގަނޑުމެންގެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން އެކްސެސް ކުރެވޭނީ، ފަސޭހައިން މައުލޫމާތު ހޯދާނީ އެކަންކަމަށް ވިސްނާފައި އަޅުގަނޑުމެން ތައްޔާރުކުރާ އެޕްލިކޭޝަނެއް މިއީ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެންގެ ދަރުމަވެރިންނަށް ހަރަކާތްތަކުގައި ބައިވެރިވެވޭނެ ފުރުސަތުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް މިއިންނަނީ. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ މިމަހުގެ 27 ގައި މި އެޕް ލޯންޗްކުރަން. އެއާއެކީ އަޅުގަނޑުމެންގެ ދަރުމަވެރިއަކަށް ވާންވެއްޖިއްޔާމުން މި އެޕްލިކޭޝަން މެދުވެރިކޮށްވެސް ދަރުމަވެރިއަކަށް ވެވޭނެ. މި ކަންތައްތަކުގައި ވަރަށް ފަސޭހަކުރެވޭތޯ އަޅުގަނޑުމެން މިބަލަނީ." ޝަމީލް ވިދާޅުވިއެވެ.
ޝަމީލް ވިދާޅުވީ، ފުރަތަމަ އެހީ އިވެންޓްތަކަށް ފޯރުކޮށްދިނުމާއި، ގްރޭޓަރ މާލެ ސަރަހައްދުގައި ޕޭޝަންޓް ޓްރާންސްޕޯޓް ޚިދުމަތް ދިނުމަކީ މިހާރު އެ ޖަމްޢިއްޔާއިން ދެމުންދާ ޚިދުމަތްތައް ކަމަށެވެ. ޕޭޝަންޓް ޓްރާންސްޕޯޓް ޚިދުމަތަކީ އެއް އެނދުން އަނެއް އެނދަށް ބަލި މީހުން ބަދަލު ކުރުމަށް ދެމުންދާ ޚިދުމަތެކެވެ. އަލަށް ތައާރަފްކުރާ އެޕްލިކޭޝަނާއެކު މިފަދަ ޚިދުމަތްތަކަށްވެސް ފަސޭހައިން އެދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރާއި ހަމައަށް ދިވެހި ރެޑް ކްރެސެންޓްގެ މެންބަރުންގެ އަދަދު 200 އަށްވުރެ އިތުރެވެ. އަދި ގިނަ އަދަދެއްގެ މީހުން ދަރުމައަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި އުޅޭ ކޮންމެ ފަރާތަކަށްވެސް އެ ޖަމްޢިއްޔާއާއި ގުޅިގެން ދަރުމައަށް މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.