ޚަބަރު

ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ސިއްޙީ ހާލަތަކަށް, ޚިދުމަތްދޭ ތަންތަން ތައްޔާރު: ސިއްޙީ ވުޒާރާ


  • ކޮންމެ ރަށެއްގެ ހާލަތު ދަނީ ގާތުން ބަލަމުން

  • ބޭނުންވާ ބޭސް ރަށްރަށުގައި ލިބެން އެބަހުރި

މޫސުމީ ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ސިއްޙީ ހާލަތަކަށް ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތައްޔާރަށްއޮތްކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މޫސުމީ ވިއްސާރައަށްފަހު ހުމާއި ރޯގާ ފަދަ ބަލިތައް ފެތުރުން އާންމުވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސިއްޙީ ވުޒާރާގެ ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ އަޙްމަދު ފައިސަލް ވިދާޅުވީ، ހުރިހާ ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނަށް ނުވުމުގެ ސަބަބުން އެ ވުޒާރާގެ ފަރާތުން ޚާއްސަ އިސްކަމެއް ދީގެން އެފަދަ ހާލަތްތަކުގައި ރައްޔިތުންނަށް ޚިދުމަތް ދެވޭނެގޮތްތައް ބަލަމުންދާކަމަށެވެ.

އެގޮތުން ސިއްޙީ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކާއި ހެލްތް ސެންޓަރުތަކާއި އަދި އެހެނިހެން ސްޓޭކްހޯލްޑަރުންނާއިއެކު މަޝްވަރާތައް ކުރަމުންދާކަމަށާއި ވިއްސާރައާ ގުޅިގެން ކޮންމެ ދުވަހަކުވެސް ރަށްރަށުގެ ހާލަތު ބަލައި ކުރިއަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، މޫސުމީ ރޯގާއަކުން ސަލާމަތްވުމަށް ސިއްޙީ ޚިދުމަތްދޭ ހުރިހައި ތަނެއްވެސް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އެފަދަ ބަލިތަކަށް ދޭންޖެހޭ ބޭސްތައްވެސް ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސީޒަނަލް ފީވަރގެ ސަބަބުން އަޅުގަނޑުމެންނަށް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ ޚިދުމަތް ދޭއިރުގައި އެ ބޭސް ހުރުން ނުވަތަ ނެތުން ދެއްތޯ. އަޅުގަނޑުމެން އެ ބޭސް ހުރިތޯ އެބަ ކަށަވަރުކުރަން. އެންމެ އެކަށީގެންވާ އެންމެ އަސާސީ ބޭސް މިދަންނަވާ ކަހަލަ ހާލަތަކަށް އަސާސީބޭސް ރާއްޖޭގެ ހުރިހައި ހިސާބެއްގައިވެސް ދެވެން ހުރިތޯ ނެތްތޯ އަޅުގަނޑުމެން މިހާރު ކަށަވަރު ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ އެއްވެސް ހިސާބެއްގަ އެފަދަ އެއްވެސް ނުރައްކަލެއް ފާހަގަވެފައެއް ނެތް" އަޙްމަދު ފައިސަލް ވިދާޅުވިއެވެ.

ކޮންމެ ރަށެއްގެ މައުލޫމާތު ވަކިވަކިން އެ ވުޒާރާއިން ނަގަމުންދާކަމަށާއި އެކަމުގައި ރަށްރަށުގައި ތިބި ސިއްޙީ ވުޒާރާގެ މުވައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތުދެއްވިއެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ސިއްޙީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ސިއްހީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސޯޝަލްމީޑިއާއާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން އެ މައުލޫމާތު އާންމުންނަށް ދަނީ ފޯރުކޮށްދެމުންނެވެ.