ޚަބަރު

އާސަންދައާއި އެންސްޕާއަށް ގެންނަ ބަދަލުތަކަކީ ބޭނުންޖެހިފައިވާ މީހުންނަށް ޚިދުމަތް ލިބޭގޮތަށް ގެންނަ ބަދަލުތަކެއް


  • އާސަންދަ އާއި އެންސްޕާ ރިފޯމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • 1 އޮކްޓޯބަރުން ފެށިގެން އިސްކަންދޭނީ ޕްރައިވެޓް އިންޝުއަރެންސަށް

އާސަންދަ އާއި އެންސްޕާއަށް ގެންނަ އިސްލާހުތަކަކީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ފުރިހަމައަށް ޚިދުމަތްދޭ ނިޒާމަކަށް މިނިޒާމު ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކެއްކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީންވަނީ އެންސްޕާ އާއި އާސަންދައިގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އެންސްޕާ އާއި އާސަންދަ ނިޒާމް ރީފޯމްކޮށް ހަރުދަނާކުރުމަށް ކުރަމުންދާ ބައެއް މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

އެގޮތުން އާސަންދަ ނިޒާމަށް ގެންނަމުންދާ ބަދަލުތަކާއެކު އަންނަ އޮކްޓޯބަރު މަހުން ފެށިގެން އިސްކަންދޭނީ ޕްރައިވެޓް އިންޝުއަރެންސަށްކަމަށް ވިދާޅުވިއެވެ. މީގެ އެންމެ މުހިންމު އެއް ބޭނުމަކީ އާސަންދަ ނިޒާމަކީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ޚިދުމަތްލިބޭ ނިޒާމަކަށް ހެދުންކަމަށް ހީނާ ވިދާޅުވިއެވެ.

"އަންނަ ރިފޯމްގެ ތެރެއިން މިހާރު 1 އޮކްޓޯބަރުން ފެށިގެން އަޅުގަނޑުމެން އިންޕްލިމަންޓް ކުރަން ފަށާ ބައެއް ކަހަލަ ޕޮލިސީތައް އެބަހުރި. އޭގެތެރޭގައި އެހެން އިންޝުއަރެންސެއް ހުރި ބޭފުޅެއް ކަމުގައިވާނަމަ މިސާލަކަށް ބިލް ކްލިއަރ ކުރާއިރުގައި އެންމެ ފުރަތަމަ އެ ބޭފުޅެއްގެ އިތުރު އިންޝުއަރެންސަކުން ކްލިއަރ ކުރުމަށްފަހުގައި ދެން އާސަންދަ އެންސްޕާގެ ތެރެއިން އެ ބައި ކްލިއަރ ކުރާގޮތަށް. އޭގެއިތުރަށްވެސް ވެލްފެއަރގެ ޕޮލިސީއާއި އަދި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުން މިދަނީ. މީގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި ވަރަށް އަވަހަށް ކެބިނެޓަށް ހުށައަޅާނަން އިސްލާހުތަކާއި އެކީގައި." ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތަކުގެ އަގު ވަރަށްބޮޑުކަމަށެވެ. މީގެތެރެއިން އެންމެ ބޮޑު ބުރަ އުފުލަން ޖެހެނީ އެންސްޕާއަށްކަމަށެވެ. މިހެން ދިމާވަނީ ރާއްޖޭގައި ކުރެވޭ ބޮޑެތި ސަރޖަރީތައް ސަރުކާރު ހޮސްޕިޓަލްތަކުން ނުކުރެވޭތީކަމަށް ވިދާޅުވިއެވެ. މީގެ ބުރަ ކުޑަވާނީ ސަރުކާރު ހޮސްޕިޓަލްތަކުގައި މިފަދަ ވަސީލަތްތައް ޤާއިމްކުރެވިގެންކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވިއެވެ.