ޚަބަރު

ނެޝަނަލް ގްރީންހައުސް ގޭސް އިންވެންޓްރީ ތައްޔާރުކުރުމަށް ޑޭޓާ ބޭހެއް އެކުލަވާލަނީ


  • މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތެއް

  • މިޑޭޓާ ބޭސް ޤާއިމްކުރެވުމުން މަޢުލޫމާތު ބެލެހެއްޓުމުގައި ފަސޭހަތަކެއް ލިބޭނެ

  • މީގެސަބަބުން އިލެކްޓްރޯނިކް ޕޯޓަލްއެއްގެ އެހީގައި މަޢުލޫމާތު ހޯދޭނެ

ނެޝަނަލް ގްރީންހައުސް ގޭސް އިންވެންޓްރީ ތައްޔާރުކުރުމަށްޓަކައި ދަތުރުފަތުރުކުރުމުގެ ދާއިރާގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހީމެވެ. އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު އަމީންއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ތައްޔާރު ކުރެވުނު، ނެޝަނަލް ގްރީންހައުސް ގޭސް އިންވެންޓަރީތަކުން ފާހަގަކުރެވިފައިވާ ގޮތުގައި ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ގާތްގަނޑަކަށް 25 އިންސައްތަ ހިއްސާކުރަނީ ދަތުރުފަތުރުގެ ދާއިރާއިންކަމަށެވެ. އެހެންކަމުން މިދާއިރާއަށް ބޭނުންވާ ތަފްސީލު މައުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމުގައި ގޮންޖެހުންތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޠާރިގު ވިދާޅުވީ މިޑޭޓާ ބޭސް ޤާއިމްކުރެވުމުން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ގުޅުންހުރި މަޢުލޫމާތު އެއްކުރުމަށާއި އެކިއެކި ދިރާސީ މަސައްކަތްތަކަށާއި، ސިޔާސަތުތައް އެކުލަވާލުމަށްވެސް ފަސޭހަވާނެކަމަށެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު މިސޮއިކުރި އެއްބަސްވުމުގެ ސަބަބުން، ޕެރިސް އެގްރީމެންޓްގެ ދަށުން އަޅުގަނޑުމެން އެކުލަވާލަންޖެހޭ ބައިއެނިއެލް ޓްރާންސްޕޭރަންސީ ރިޕޯޓް (ބީ.ޓީ.އާރ) އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ފަދަ ރިޕޯޓުތައް އެކުލަވާލައި، އަދާހަމަ ކުރުމަށް ޓްރާންސްޕޯޓުގެ ދާއިރާއިން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދުމަށް މަގުފަހިވެގެންދާނެ. އަދި މީގެ އިތުރުން، ޓްރާންސްޕޯޓުގެ ދާއިރާއިން ލިބޭ މަޢުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ވެގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަން." ވަޒީރު ޠާރިގު އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރު ޠާރިގު ވިދާޅުވީ މިމަސައްކަތުގެ ދަށުން، ދަތުރުފަތުރުކުރުމުގެ ދާއިރާގައި، މަޢުލޫމާތު ބެލެހެއްޓުމަށް ފަސޭހަވާނެ ކަމަށެވެ. އަދި ޑޭޓާ މެނޭޖްމަންޓް ނިޒާމުގެ ސަބަބުން އިލެކްޓްރޯނިކް ޕޯޓަލެއްގެ އެހީގައި ބޭނުންވާ މަޢުލޫމާތު ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އެވުޒާރާއިން އުޅަނދުފަހަރުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި މިއީ "މާލެ ފަހި" ޕްރޮގްރާމްގައި ކަނޑައަޅާފައިވާ 26 ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މި ކަހަލަ އިންވެންޓްރީއެއް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާއިރުގައި އަޅުގަނޑު ގަބޫލް ކުރާ އެއްކަމަކީ ޓްރާސްޕޯޓް ދާއިރާއަކީ ޖައްވަށް ދޫކުރާ ވިހަގޭސް 4 ބައިކުޅަ އެއްބަޔަށް ހިމެނޭއިރުގައި ޓްރާސްޕޯޓް މިނިސްޓްރީން މިއިންވެންޓްރީއަށް ނެގޭ ރިއަލްޓައިމް ޑޭޓާއަކީ އެންމެ މުހިންމު މަސައްކަތައްށް ވެގެން ދާނެ" ވަޒީރު އަމީން ވިދާޅުވިއެވެ.

ނެޝަނަލް ގްރީންހައުސް ގޭސް އިންވެންޓްރީ ތައްޔާރުކުރުމުގެ މަސައްކަތަކީ "ކެޕޭސިޓީ ބިލްޑިން ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް" (ސީބީއައިޓީ މޯލްޑިވްސް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިޕްރޮޖެކްޓަކީ ތިމާވެއްޓާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) އާއި ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމަށާއި ޖައްވު ހޫނު ކުރާ ގޭސް ބޭރުކުރެވޭ މިންވަރު މަދުކޮށް ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އަދި ގިނަވެގެން 2 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް 2015ގައި ވަނީ ޕެރިސް ކްލައިމެޓު އެގްރީމެންޓް އެކުލަވާލާފައެވެ. މިއީ ރާއްޖެވެސް ބައިވެރިވެފައިވާ މުހިންމު އެއްބަސްވުމެކެވެ.