ޚަބަރު

ޑރ. ޝަހީމްއާ ގުޅޭގޮތުން ފަތުރާ ޙަގީގަތާ ޚިލާފު ވާހަކަތައް ޕީޕީއެމް/ޕީއެންސީން ކުށްވެރިކޮށްފި


  • ވަޒީރަކީ އިސްލާމީ ދައުލަތްތަކުން ޚިދުމަތުގެ އަގުވަޒަންކުރާ އަޚުލާގު ރަނގަޅު ދީނީ ލީޑަރެއް

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ގުޅުވައިގެން ފަތުރަމުންދާ ޙަގީގަތާ ޚިލާފު ވާހަކަތައް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ސޯޝަލް މީޑިއާ އާއި އެހެން ބައެއް މީޑިއާ ވަސީލަތްތަކުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާ ގުޅޭގޮތުން ޙަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދަނީ އެމަނިކުފާނުގެ އަބުރުފުޅު ނަގާލައި، ފުރައްސާރަކުރުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ވަޒީރު ޑރ. ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން ޚިދުމަތުގެ އަގުވަޒަންކުރާ އަޚުލާގު ރަނގަޅު ދީނީ ލީޑަރެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިހާރު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދީނީ ސިޔާސަތު ކުރިއެރުވުމުގައި ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފަޚުރުވެރިވާކަމަށްވެސް ކޯލިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅުންހުރި ކަންކަން ކުރެއްވުމުގައި ވަޒީރު ކާމިޔާބީ ހޯއްދަވަމުންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފުރައްސާރަކޮށް ޙަގީގަތާ ޚިލާފު އިލްޒާމުތައް އެޅުވިނަމަވެސް ވަޒީރު ޑރ. ޝަހީމަކީ ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއްނޫން ކަމަށާއި، އެހެންކަމުން އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.