ޚަބަރު

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެއްޖެ


  • މާލެ ސަރަހައްދުގައި "ރަންދި 20" އިން ދަނީ ހަރަކާތްތެރިވަމުން

  • މ. އަތޮޅުން 27.4 މެޓްރިކް ޓަނުގެ މަސް ކިރުވި

އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ހާމަކޮށްފިއެވެ. މަސްވެރިކަން ރަނގަޅުވެފައި މިވަނީ ފާއިތުވި ދުވަސްތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ހީނާރުވެފައިވަނިކޮށެވެ.

އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެފައިވާއިރު އެންމެ ގިނައިން މަސް ބާނަމުންދަނީ މާލެ ސަރަހައްދާއި މ. އަތޮޅުގައިކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިފްކޯއިން ބުނީ މަސްވެރިކަން ރަނގަޅުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި މަސް ކިރުވުމަށް "ރަންދި 20" ބޯޓު ވިލިމާލެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ. އެ ބޯޓަކީ 27.5 ޓަނުގެ މަސް ފިނިކޮށް ރައްކާކުރުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ.

އިއްޔެ މ. އަތޮޅުން 27.4 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މ. އަތޮޅުގެ މަސްވެރިކަން ރަނގަޅުވުމާއި ގުޅިގެން އެ ސަރަހައްދުން މަސް ކިރުވުމަށް މަހާ ކަލަމިންޖާ މިހާރު ފޮނުވާފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މެދުތެރޭގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވިނަމަވެސް ދެކުނުގައި މަސްވެރިކަން އަދިވެސް ރަނގަޅު ނުވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިފްކޯއިން އަންދާޒާކުރާގޮތުގައި ދެކުނުގެ މަސްވެރިކަން ރަނގަޅުވާން ފަށާނީ އަންނަ ހަފްތާއިން ފެށިގެންނެވެ.

މަސްވެރިކަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރަނގަޅުވަމުން އަންނައިރު، މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން އެކަމަކާ ގުޅިފައިވާ ކިރުވާ މަހަަށް ފައިސާ ދިނުން އަވަސްކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިފްކޯއިން މިހާރު މަސައްކަތް ކުރަނީ މަސްވެރިން ބާނާ މަހަށް އެންމެ ގިނަވެގެން 2 ހަފްތާގެ ތެރޭގައި ފައިސާ ޖަމާކޮށް ނިންމުމަށެވެ.