ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މިއަހަރުގެ މިހާތަނަށް 22 ކުއްޖަކު ޢާއިލާތަކާއި ޙަވާލުކުރެވިއްޖެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ފޮސްޓަރކުރުމާއި މެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުވަމުންދާކަމަށާއި، ނަތީޖާއެއްގޮތުން ފޮސްޓަރކުރަން ޝައުގުވެރިވާ ޢާއިލާތައް އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައްކާތެރި މާހައުލެއް ގައިމުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރައްވަމުންނެވެ. އެގޮތުން ކޮންމެ ކުއްޖަކީވެސް ޢާއިލާއެއްގެ ލޯތްބާއި އަޅާލުން ލިބިގެން ބޮޑުވާ ކުއްޖަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، ފޮސްޓަރކުރުމާއި މެދު ޢާއްމުންދެކޭގޮތް ބަދަލުވަމުންދާކަމަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ގިނަ ޢަދަދެއްގެ ކުދިން ފޮސްޓަރކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި، މި އަހަރުގެ މިހާތަނަށް 22 ކުއްޖަކު ޢާއިލާތަކުން ފޮސްޓަރކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިތުރު 22 ކުއްޖެއްގެ ފޮސްޓަރިންގެ ކަންކަން އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް އުފަލާއެކު ފަހަގަކޮށްލަން ބޭނުން، ކުރިން އަބަދުވެސް ފޮސްޓަރކުރަން ބޭނުންވާނީ އެންމެ ތުއްތު ކުދިން. އެހެންނަމަވެސް މިހާރު ބޮޑެތި ކުދިންވެސް ފޮސްޓަރކުރަމުން އެބަދޭ. އެއީ ވަރަށް ހެޔޮ ބަދަލެއް. ކޮންމެ ކުއްޖަކަށްވެސް ޢާއިލާއެއް ލިބި ޢައިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުސަތު ޙައްގު ކުއްޖެއް" ވަޒީރު ވިދާޅުވިއެވެ.
މިދުވަސްވަރަކީ ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އެންމެ މަދުވި އެއްދުވަސްވަރުކަން ފާހަގަކުރައްވައި ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި 14 މަރުކަޒުގައި މިވަގުތު 167 ކުދިން އެބަތިބިކަމަށެވެ.
މަރުކަޒުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކުދިންނަށް ޢާއިލާއަކުން ލިބިދޭ ލޯތްބާއި، އުފެދޭ ގުޅުންތަކުން ކަންކަން ދަސްކުރުމަކީ ކުރެވޭނެކަމެއް ނޫންކަން ތަޖުރިބާކާރު ބޭފުޅުން ފާހަގަކުރައްވައެވެ. އެހެންކަމުން އަދުގެ ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއްދޭ އެއްކަމަކީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ކުދިންނަށް ޢާއިލާތައް ހޯދައިދީ، ކޮންމެ ޙަލަތެއްގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހުނުނަމަވެސް ވީއެންމެ އަވަހަކަށް އެކުދިން ޢާއިލާއަކާއި ހަވާލުކުރެވޭނެ މަގު ފަހިކުރުންކަމަށެވެ.
މީގެ ތެރޭގައި އެކުދިންގެ އާއިލާގެ ތެރެއިން ފޯސްޓަރކުރަން ބޭނުންވާ ފަރާތްތަކާއި އެނޫނަސް އާންމުކޮށް އެކަމަށް އެދިގެން ކުދިންގެ ބެލެނިވެރިމާ ހަވާލުވާ އާއިލާތައް ހިމެނެއެވެ.