ޚަބަރު

އެޗްއާރުސީއެމަށް ޙަބީބް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފި


  • ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި

  • ރުހުން ދޭން ފާސްކޮށްފައިވަނީ 73 މެންބަރުންގެ ވޯޓުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ޙަބީބް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ 74 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓުދެއްވީ 3 މެމްބަރުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވީ ޖުލައި 15ގައެވެ. އެ ލިސްޓުގައި ރައީސް އިސްކަންދެއްވާފައިވަނީ އެޗްއާރުސީއެމަށް އިސްމާޢީލް ޙަބީބު ޢައްޔަންކުރެއްވުމަށެވެ.

މިނަންތައް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ޙަބީބާ އިންޓަވިއު ކުރެއްވުމަށްފަހު ރުހުން ދިނުމަށް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެޗްއާރުސީއެމްގެ މެންބަރަކު އައްޔަން ކުރެއްވުމަށް ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރު ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވެވި އިސްމާޢީލް ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އެގޮތުން، ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްގެ މަގާމު ޙަބީބު ވަނީ ފުރުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޙަބީބު ވަކިވެވަޑައިގެންނެވީ މެންބަރުކަމުގެ ދެ ދައުރު ހަމަވުމާ ގުޅިގެން މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި ޖުމްލަ 5 މެންބަރުން ތިއްބަވައެވެ. މިހާރު އެކޮމިޝަނުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާއާއި، މެންބަރުންގެ ގޮތުގައި ތިއްބެވި މުއުމިނާ ވަޙީދާއި، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާގުގެ އިތުރުން ސަމާޢު އަޙްމަދު ނަޖީބެވެ.