ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ޕޯޓަލްގެ އެކްސެސް ކައުންސިލްތަކަށް ދީ، ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ޓީމެއް ލ. އަތޮޅުގައި މި މަސައްކަތުގައި ޢަމަލީގޮތުން އަންނަނީ ބައިވެރިވެ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަމުންނެވެ.
އޮޕަރޭޝަން "ކުރަނގި" އަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިޔައީ ކ.ހިންމަފުއްޓާއި، މާފުށީގައެވެ.
"ކުރަނގީ"ގެ ދެވަނަ ފިޔަވަހީގެ ދަށުން މުޅި ރާއްޖޭގައި އަންގާރަ ދުވަހުވަނީ އޮޕަރޭޝަން ފަށާފައެވެ. ދެވަނަ ފިޔަވަހި ފެށުމަށް ލ. އަތޮޅުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއަށް ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ކުރަނގި އޮޕަރޭޝަންގެ ޕޯޓަލްއަށް އެކްސެސްވެވޭނެ ގޮތް މިހާރު ހަދާފައިވާކަމަށެވެ. އެހެންކަމުން އަންގާރަދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފެށިފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ.
ލ. އަތޮޅުގައި " އޮޕަރޭޝަން ކުރަނގި " ގެ ޢަމަލީ މަސައްކަތް ފަށައިފި. pic.twitter.com/lqvoausvwU
— Ministry of Homeland Security & Technology, MV (@HomeMinistrymv) July 30, 2024
އަޝްރަފް ވިދާޅުވީ، ލ. އަތޮޅު ގަން އަދި ފޮނަދޫގައި ބިދޭސީންގެ މައްސަލަ ބޮޑުކަން އެރަށް ރަށުގެ ކައުންސިލްތަކުން ފާހަގަކުރައްވާކަމަށެވެ. އެގޮތުން އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިމައްސަލަ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
ގަވާއިދާއި، ޚިލާފަށް އުޅޭ ބިދޭސީއެއްކަން ޝައްކު ކުރެވޭނަމަ އެމީހާގެ ފޮޓޯ އެޕްލިކޭޝަނަށް އަޕްޑޭޓްކުރުމާއެކު، އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން އެއީ ކާކުކަން، އަދި އެރަށަށް ކޮން ބޭނުމެއްގައި ގޮސް އުޅޭ، ކޮން ކުންފުންޏެއްގެ މީހެއްކަން އެނގިގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މި މަސައްކަތް ކުރުމަށް ކައުންސިލްތަކަށްވަނީ ފިންގާ ޕްރިންޓް މެޝިން ހަދިޔާކޮށްފައެވެ. އަދި މިކަމަށްޓަކައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިންވަނީ ޚާއްސަ އެޕްލިކޭޝަނެއް ހަދާފައެވެ. މިއެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ރަށެއްގައި މި މަސައްކަތްކުރެވުމުގެ ސަބަބުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަސޭހަވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. މިއެޕްލިކޭޝަން މެދުވެރިކޮށް ބިދޭސީންގެ މަޢުލޫމާތު އެއްކުރެވުމާއެކު، އަހަރެއްގެ ތެރޭގައި އެމީހުން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ފަށާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ފިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންދަނީ މަސައްކަތްކުރަމުންނެވެ.