ޚަބަރު

ސައިބަރ ޑިފެންސްގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާކޮށްފި


  • މި ދާއިރާއާ ގުޅުންހުރި ޤައުމީ ސިޔާސަތުތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރި

  • މި ދާއިރާއިން އަންހެނުންނަށް ހުރި ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު

ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން އެމެރިކާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ދިފާޢީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު މިޒުނާ ޢަލީއާއެކު އެމެރިކާގެ ސެކްރެޓަރީ ބިއުރޯ އޮފް ސައިބަރ ސްޕޭސް އެންޑް ޑިޖިޓަލް ޕޮލިސީގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ޖެނިފާ ބަޗުސް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ދިފާޢީ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ސައިބަރ ޑިފެންސް ސެކްޓަރ އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ވަޞީލަތްތައް ތަރައްޤީކުރުމާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.


ހަމައެހެންމެ މި ދާއިރާއިން ޤައުމީ ފެންވަރުގައި ހެދިފައި ހުރި ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށާއި، މި ދާއިރާގެ ކުރިއެރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރާއި، މިދާއިރާގައި އަންހެނުންނަށް ހުރި ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.