ޚަބަރު

މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް "މާލެ ފަހި" އިފްތިތާޙްކުރައްވައިފި


  • މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • މާލޭ މަގުތައް ތޮއްޖެހުމަށް ބޮޑު ޙައްލެއް އަންނާނެ

  • އުޅަނދުތަކުގެ ޢުމުރު ކަނޑައަޅާނެ

މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ފެށި "މާލެ ފަހި" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.  މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ އިފްތިތާޙްކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

"މާލެ ފަހި" ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަމަކީ، ކަމާ ގުޅުންހުރި އިދާރާތައް ހިމެނޭހެން އެކުލަވާލި "އަރބަން ޓްރ ފިކް ޑީ-ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ" ގެ ލަފަޔާއި މަޝްވަރާ އާއެކު އެކުލަވާލި ޕްލޭނުގައިވާ ޙަރަކާތްތަކެކެވެ.

ޕްރޮގްރާމް ބެހެނީ 3 ބަޔަކަށް

* ޤާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ ޢަދަދު ކޮންޓްރޯލްކުރުން
* ޕަބްލިކް ޓްރާންސްޕޯޓްގ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން
*މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން

ގަރާޖްނެތި ދައުރު ކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުން ނުހިފޭނެ

ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ރަޖިސްޓްރީކޮށްދިނުމުގެ ސަބަބުން، އާދަޔާ ޚިލާފަށް މާލޭގެ ސަރަހައްދަށް އުޅަނދުތައް ގިނަވެ، ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު އާންމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށްވަނީ ގޮސްފައެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން ރަޖިސްޓްރޭޝަނަށް ހުށައަޅާ އަޅަނދުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސްކުރުމުގެ ކުރިން ޤާނޫނުގައިވާ ގޮތުގެ މަތިން ގަރާޖުގެ ޞައްހަކަމާއި އަދި ކޮންސެންޓް ވެރިފިކޭޝަން ފުރިހަމަ ކުރަން މިއަހަރުގެ ޖަނަވަރީގައި ވަނީ ފަށާފައެވެ.

މި ބަދަލުތައް ގެނެވުނު ހިސާބުން މާލެ ސަރަހައްދަށް ރަޖިސްޓަރކުރެވެމުން ދިޔަ އުޅަނދުތަކުގެ އަދަދުވަނީ ބޮޑުތަނުން ކުޑަވެފެއެވެ.2021 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދަށް ކާރު ރަޖިސްޓަރކުރަމުން ދިޔަ އަދަދު ވަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. 2023 ވަނަ އަހަރު މަހެއްގެ މައްޗަށް 122 ކާރު މާލެ ސަރަހައްދަށް ރެޖިސްޓަރކުރެވިފައިވެއެވެ މި އަދަދު %76 ދަށްކޮށް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރެޖިސްޓަރކުރެވިފައިވަނީ މަހަކު 30 ކާރެވެ.

މަގުމައްޗަކީ ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް

ރާއްޖެ އެތެރެކުރެވޭ އުޅަނދުތަކަކީ އެތެރެކުރެވޭ މަރުހަލާތަކުގައި އުޅަނދެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ކޮންމެ ހާލެއްގައި އޮންނަ ދުއްވާ އުޅަނދެއް ވެސް އުސޫލެއް ނެތި ރާއްޖެ އެތެރެކުރެވެމުންދެއެވެ. މިގޮތަށް އެތެރެކުރާ ގިނަ އުޅަނދުތައް ރެޖިސްޓަރނުކޮށް މާލޭގެ މަގުތައް މަތީގައި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރެއެވެ. މިފަދަ އުޅަނދުތައް ހުރި އަދަދު ދެނެގަތުމަށް ކުރި ސަރވޭތަކުން ދައްކާ ގޮތުގައި މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި 1000 އަށްވުރެ ގިނަ އުޅަނދު ބަހައްޓާފައިވާކަން ފާހަގަކުރެވޭކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދެއް، ރޯޑް ވެހިކަލެއްގެ ގޮތުގައި ރާއްޖެ އެތެރެކުރުން މަނާކުރެވޭނެގޮތަށާއި ގަރާޖު ނުވަތަ ގުދަން ކުރެވޭނެ ފެސިލިޓީއެއް އޮތުމުންނޫނީ އިމްޕޯޓް ނުކުރެވޭނެ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ. އަދި ވިޔަފާރި އުޞޫލުން ވިއްކުމަށް ވެހިކަލް އިމްޕޯޓްކުރާ ފަރާތްތަކުން ގެންނަ ވެހިކަލު ވިއްކުމާއި ހަމަޔަށް ގުދަންކޮށްފައި ބާއްވާނެ އިންތިޒާމު ހަމަޖެހިފައިވޭތޯ ކަށަވަރު ކުރަންޖެހޭ ގޮތަށް ބަދަލުގެނައުންވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.

ޑޮމެއިންގެ ޚިދުމަތް އޯޕަން ބިޑިންގ ނިޒާމުގެ ތެރެއަށް


ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފަދަ، ޒަމާނީ ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ޒުވާނުންނާއި ޑޮމެއިން ބޭނުންކުރާ ފަރާތްތައް ޝައުޤުވެރިވާ ފަދަ ގޮތަކަށް ޑޮމެއިންގެ ޚިދުމަތް ބަދަލުކުރަން ސަރުކާރުން މި ޕްރޮގްރާމުގެ ދަށުން ނިންމާފައިވެއެވެ. ޑޮމެއިން މައްސަލަތައް ޙައްލުކުރުމަށްޓަކައި ދަތުރުފަތުރާބެހޭ ވުޒާރާއިން ޢަމަލުކުރާނެ ގޮތްތަކެއްވެސް ކަނޑައަޅާފައިވެއެވެ.

އެގޮތުން އެ ވުޒާރާގެ ރެކޯރޑްތަކުން ސައްޙަކަން ޔަގީންކުރެވޭ ޑޮމެއިންތައް ޢާންމުކުރާނެއެވެ. އަދި ރެކޯޑުތަކުން މިހާރުގެ ވެރިފަރާތް ޔަގީން ނުކުރެވޭ ޑޮމެއިންތައް ޢާންމުކޮށް، ޙައްލު ހޯދުމަށް މަސައްކަތްކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން ޑޮމެއިން ވިއްކާފައިވާކަމުގެ ރެކޯޑެއް ނެތި ވުޒާރާއިންޚިދުމަތް ދީފައިހުރި ޑޮމެއިން ނަންބަރުތައް ޢާންމުކޮށް، ތަފްޞީލް ހޯދުމަށްފަހު ޢަމަލުކުރާނެ ގޮތުގެ ޤާނޫނީ ޙައްލެއް ހޯދުން.ވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.

ވެހިކަލް ލިމިޓް ކުރުމާއި ޢުމުރު ކަނޑައެޅުން

ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިގޮތަށް އަމަލުކުރެވިފައިނުވާ މައިގަނޑު އެއް ސަބަބަކީ އެކުލަވާލާފައިވާ ގަވާއިދަކީ، ތަންފީޒުކުރުމަށް އެކަށޭނެ މިންގަޑަށް ނުފެތޭ ގޮތަށް ހެދިފައިވާ ގަވައިދަކަށް ވާތީކަން ކަމާ ގުޅުންހުރި ފަރާތްތަކުން ފާހަގަކުރެއެވެ.

މިކަން ހައްލުކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން މިހާރު ވަނީ ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެ މިންގަނޑަށް ގަވާއިދު އިޞްލާޙުކޮށް، މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ގެޒެޓްކޮށްފައެވެ. މިއާއެކު މާލެ ސިޓީ ކައުންސިލްއިން ވަނީ މި މަސައްކަތް ފަށާފައެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 2 ފުރޮޅުލީ އުޅަނދުގެ %70 އަކީ މާލެ ސަރަހައްދަށް ރެޖިސްޓަރކުރެވިފައިވާ އުޅަނދުތަކެވެ.

ގަރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުން ނިމުމަކަށް

މާލޭގެ ގިނަ ގަރާޖުތަކުގެ ވެރިފަރާތަށް އެނގުމެއްނެތި ގިނަ އަދަދުތަކަށް އެ ގަރާޖުތަކަށް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ގަރާޖު ނެތް ގިނަ ގެތަކުގެ ގޭގެ ވެރިފަރާތަށް އެނގުމަކާނުލާ ގަރާޖު ހުރިކަމުގެ ނަމުގައި ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީކޮށްފައިވެއެވެ. ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު ހަމަ އެ ޖާގަ ފިހާރައެއް، ގުދަނެއް ނުވަތަ އެހެނިހެން ވިޔަފާރިއެއް ކުރުމަށް ރަޖިސްޓްރީވުމުގައި އެއްވެސް ހުރަހެއް ނެތި އަދި މިއީ ދެވަނަ ބޭނުމަކަށް އެއްތަނެއް ރަޖިސްޓްރީ ކުރެވޭކަން އެނެގޭނެ ނުވަތަ ބެލޭނެ ނިޒާމެއް މިހާރަކު ނެތެވެ.

މާލެ ސިޓީ ކައުންސިލުން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ޖާގަ އަދި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭ ތަންތަން އެއް ވިއުގައެއްގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު މަޢުލޫމާތު ވަގުތުން ވަގުތަށް ހިއްސާ ކުރެވޭނެ އިންޓަރގްރޭޓަޑް އިންފޮރމޭޝަން ސިސްޓަމެއް ޤާއިމްކުރުން ހިމެނެއެވެ. މި ސިސްޓަމުގައި ގަރާޖެއްގެ ގޮތުގައި ހުރި ތަނެއް ވިޔަފާރިއަކަށް ރަޖިސްޓްރީކުރަން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅައިފި ނަމަ އެއީ މިހާރުވެސް ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ތަނެއްކަން އެނގިގެން ދާނެއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ހުށަހެޅޭ ގަރާޖު އެޑްރެސްތައް އެއީ ކޮން ބޭނުމެއްގައި ކަނޑައެޅި ރަޖިސްޓްރީވެފައިވާ ތަނެއްކަން ވަގުތުން ބެލޭނެއެވެ.

އާރް.ޓީ.އެލް ބަސްތަކުގެ ސައިޒް ކުޑަކުރަނީ

އާރް.ޓީ.އެލް ބަހުގެ ޚިދުމަތަކީ މިހާރުވެސް ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ޚިދުމަތެކެވެ. ތޮއްޖެހިފައިވާ މަގުތަކުގައި ބޮޑެތި ބަސްތައް ބޭނުން ކުރަމުންދާތީ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ ބަސްތައް އޮޕަރޭޓް ކުރުމަށް ވަނީ ދަތިވެފައެވެ. މިގޮތުން ބަސްތައް ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރެވޭތީ އާރް.ޓީ.އެލް ބަސް ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ދަތިވެ، ބަސް ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އަދަދު މަދުވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މިކަން ހައްލުކޮށް ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކޮށް ބަދަލު ގެންނަން ސަރުކާރުން ވަނީ ނިންމާފައެވެ.