ޚަބަރު

އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް އޮކްޓޫބަރު ފަހުކޮޅު ފަށަނީ


  • އެއަރ އަރަބިއާއިން ކޮންމެ ދުވަހަކު އެއް ދަތުރު ކުރާނެ

  • ދަތުރުތައް ފާށާނީ އޮކްޓޫބަރު މަހު 27 ވަނަ ދުވަހު

ޔޫއޭއީ ބަޖެޓް އެއަރލައިން އެއަރ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް މިއަންނަ އޮކްޓޫބަރު މަހު ފަހުކޮޅު ފެށުމަށް ނިންމައިފިއެވެ. އެ އެއަރލައިނުން ދަތުރުތައް ފަށަނީ ކޮންމެ ދުވަހަކު އެއް ދަތުރު ކުރާ ގޮތަށެވެ.

އެ އެއަރލައިނުން މިކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އޮކްޓޫބަރު މަހު 27 ވަނަ ދުވަހު ފަށާ ދަތުރުތައް ކުރާނީ ދުބާއީގެ ޝާޖާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަލެއަށް ކަމަށެވެ. މި ދަތުރުތައް ކުރާނީ އެއަރބަސް އޭ-320 މަރުކާގެ ބޯޓުތަކުގައި ކަމަށް އެއަރ އަރަބިއާއިން ބުނެއެވެ. އަދި މިހާރު ދަތުރުތަކަށް ބުކް ކުރެވޭނެ ކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.

މި ދަތުރުތައް ފެށުމާއި ގުޅޭގޮތުން އެއަރ އަރަބިއާގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ އާދިލް އަލް ޢަލީ ވިދާޅުވީ، ރާއްޖެ ފަދަ މަންޒިލެއް އިތުރުވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. އަދި މި ދަތުރުތައް ފެށުމާއެކު ކަސްޓަމަރުންނަށް ރާއްޖެއަށް ދަތުރު ކުރުމަށް އިތުރު ރަނގަޅު އަގުހެޔޮ ގޮތްތަކެއް ލިބިގެން ދާނެ ކަމަށެވެ.


ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 41 އެއަރލައިނެއް ދަނީ ދަތުރު ކުރަމުންނެވެ. ރާއްޖެ ދަތުރު ކުރަމުންދާ އެއަރލައިންތަކުގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.