ލަންކާއާއެކު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވާން މަޖިލީހުން ރުހުންދީފިއެވެ.
މަޖިލީހުން ރުހުން ދީފައިވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޤާއިމުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށައެޅުއްވި މައްސަލައާ ގުޅިގެން ނެގި ވޯޓުގައެވެ.
"ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޚާރިޖީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މިއެއްބަސްވުމުގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމެވެ. އަދި މި އެއްބަސްވުމުގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި އެއްބަސްވުމުގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ.