ޚަބަރު

ރާއްޖޭގެ 13 ރަށެއްގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދަނީ


  • 6 ރަށެއްގައި ޤާއިމްކުރަނީ 2 މެގަވޮޓް ސޯލަރ ޕީވީ ނިޒާމު

  • 7 ރަށެއްގައި 13 މެގަވޮޓް ސޯލަރ ޕީވީ ނިޒާމު ޤާއިމްކުރާނެ

  • މިމަޝްރޫއުގެ ދަށުން 36 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކުރާނެ

  • 40 މެވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުރާނެ

ރާއްޖޭގެ 13 ރަށެއްގައި 15 މެގަވޮޓް ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. ސޯލަރ ޕީވީ ނިޒާމުގެ ބީލަން ހުށަހެޅުމުގެ ހުޅުވާލާފައިވަނީ އަންނަ އޮކްޓޫބަރުމަހުގެ 22ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިންކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

އެވުޒާރާއިން ވިދާޅުވީ މިއީ ވޯލްޑް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓުން ހިންގާ މަޝްރޫޢެއްކަމަށެވެ.

އެރައިސް މަޝްރޫޢަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭރުގެ އެހީއާއެކު އެވުޒާރާއިން ހިންގާ މަޝްރޫޢެކެވެ

ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ 15 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 2 ލޮޓަކަށް ބަހާލައިގެން ކަމަށެވެ. މިސޯލަރ ޕީވީ ޤާއިމުކުރުމަށް ހަމަޖެހިފައިވާ ލ..ހިތަދޫ، ލ. ކުނަހަންދޫ، ލ. މައިބާދޫ، ލ. މާމެންދޫ، ލ. މާވަށް އަދި ލ. ދަނބިދޫގައެވެ. މިރަށްތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވަނީ 2 މެގަވޮޓްގެ ސޯލަރ ޕީވީއެވެ.

މީގެ އިތުރުން ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ.ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފުނަދޫގައި 13 މެގަވޮޓްގެ ސޯލަރ ޕީވީ ހަރުކުރުމަށް ނިންމާފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ކެޕިޓަލް ޚަރަދުކޮށް، 20 އަހަރުގެ މުއްދަތަށް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫޢުގެ ބީލަން ކާމިޔާބުކުރާ ކޮންޓްރެކްޓަރުކަމަށެވެ. އަދި ކޮންޓްރެކްޓަރ ހޮވާނީ ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައި، ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތަށް ވިއްކުމަށް އެންމެ ކުޑަ ރޭޓެއް ހުށަހަޅާ އިންވެސްޓަރަކަށް ނުވަތަ ކުންފުންޏަކަށެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުތެރޭގައިކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. ކޮންޓްރެކްޓަރަކު ހޮވައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގައިކަމަށްވެސް އެވުޒާރާއިން މައުލޫމާތުދެއެވެ.

ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ އަމަލީ މަސައްކަތް ނިމި މިނިޒާމުތަކުން ކަރަންޓް އުފައްދަން ފެށުމުން ޖުމުލަކޮށް މިރަށްތަކުގައި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 6 މިލިއަން ލީޓަރު ދަށްވެގެން ދާނެކަމަށެވެ. އަދި ދަޢުލަތުން ތެލަށްކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 48 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

އެރައިސް މަޝްރޫޢުން ރާއްޖޭގެ އެކި ރަށްރަށުގައި 36 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކޮށް 40 މެގަވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގަވެސް މިމަޝްރޫޢުގެ ތެރެއިން އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒަރާއިން ވިދާޅުވެއެވެ.