ޚަބަރު

އެމްޕީއެލްގެ ފުރަތަމަ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ފައިދާ އިންވެސްޓަރުންނަށް


  • އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލީ 11 އޭޕްރިލް 2023ގައި

  • ފުރަތަމަ އިންވެސްޓްކުރި ފަރާތްތަކަށް 4 ޖުލައި 2024ގައި ފައިދާ ޖަމާކުރި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފުރަތަމަ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ފައިދާ އިންވެސްޓަރުންނަށް ޖަމާކޮށްފިއެވެ.

މިއީ އެމްޕީއެލްއިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑުކަމަށް އެކުންފުނިން ބުނެއެވެ. އެމްޕީއެލްއިން ބޮންޑު ކޫޕަންގައި އިންވެސްޓް ކުރަން ހުޅުވާލީ 11 އޭޕްރިލް 2023 ގައެވެ. މިފުރުޞަތު ހުޅުވާލުމުން ގިނަ ފަރާތްތަކަކުން އިންވެސްޓުކޮށްފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

މިބޮންޑްގެ ފުރަތަމަ ކޫޕަންގައި އިންވެސްޓްކުރި ފަރާތްތަކަށް 4 ޖުލައި 2024 ގައި ވަނީ ފައިދާ ޖަމާކޮށްދީފައެވެ.

މިބޮންޑު ކާމިޔާބުކަމާއެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި ލީޑް އެރޭންޖަރގެ ޙައިސިއްޔަތުން މަސައްކަތްކޮށްފައިވަނީ ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.

އެމްޕީއެލްއިން ބުނީ މިފަދަ ބޮންޑުތަކުގައި އިންވެސްޓުކުރުމަށް ލިބޭ ފުރުސަތުތަކަކީ ފައިސާ ފަހަށް ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ބޮންޑު ލިސްޓުކުރެވެނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.