ޚަބަރު

ދާޚިލީ ވުޒާރާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މުވައްޒަފުނަކީ ނަޒާހަތްތެރި ބައެއްކަން ކަށަވަރު ކުރާނަން: ވަޒީރު


  • ރާއްޖޭގެ ގިނަ މުއައްސަސާތައް އޮތީ ކޮރަޕްޝަނުގެ ހާއްޔަކަށްވެފައި

  • މިއީ ޤާނޫނު ތަންފީޒު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން

ދާޚިލީ ވުޒާރާގެ ދަށުން މަސައްކަތް ކުރާ އެންމެންނަކީވެސް ނަޒާހަތްތެރި ބައެއްކަން ކަށަވަރު ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ "ނާރެސް" ޕޯޓަލާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގެ ގިނަ މުއައްސަސާތައް އޮތީ ކޮރަޕްޝަނުގެ ހާއްޔަކަށްވެފައި ކަމަށެވެ. އެއީ ޤާނޫނު ތަންފީޒު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެފަދަ މުއައްސަސާތަކުގެ ތެރޭގައި ދާޚިލީ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތައް ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ސާފު އިރުޝާދު ދެއްވާފައިވާ ކަމަށާއި މި ސަރުކާރުން އެފަދަ ކަންކަމަށް ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށެވެ. އެގޮތުން، މިފަހުން ކަރެކްޝަނަލް ސަރވިސްގެ 18 އޮފިސަރަކާ ދެކޮޅަށް މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނަކީވެސް ކޮރަޕްޝަން ހުއްޓުވުމަށް ކުރިއަށްގެންދިޔަ މުހިއްމު އޮޕަރޭޝަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ޚާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރުވެސް ނުބޭއްވުން. ވަރަށް ފަހުން ކަރެކްޝަނަލް ސަރވިސްގެ 18 އޮފިސަރުންނާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅަން ވަނީ ފަށާފައި. މީގައި ވަކި ފަރުދެއް ވަކި މުއައްސަސާއެއް އިސްތިސްނާ ނުވާނެ. މި ވުޒާރާގެ ދަށުން މަސައްކަތް ކުރާ އެންމެންނަކީވެސް ނަޒާހަތްތެރި ބައެއްކަމުގައި އަޅުގަނޑުމެން ކަށަވަރުކުރާނަން" ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ އެންމެން އެދޭ އެދުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ.

ދާޚިލީ ވުޒާރާގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ޤާއިމުކުރުން ކަމުގައިވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.