ޚަބަރު

ޤާނޫނަށް ގެންނަ އިސްލާހާއެކު ފަންނުވެރިންގެ ޙައްގުތައް އިތުރަށް ހިމާޔަތްކުރެވޭނެ: މެންބަރުން


  • މިހާރު ޤާނޫނުގެ ދަށުން އުފެއްދުންތެރިނަށް ފުރިހަމައަށް ޙައްގުތައް ކަށަވަރުނުކުރެވޭ

  • ފަންނުވެރިންގެ ޙައްގުތައް ކަށަވަރުކުރުމުން އިގްތިސާދަށް ވެސް ހެޔޮ އަސަރުކުރާނެ

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު ދިވެހި މަސައްކަތްތެރިންނާއި ފަންނުވެރިންގެ ޙައްގުތައް އިތުރަށް ރައްކާތެރިކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގެ ތެރެއިންނެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސަޢުދާއެވެ.

ބިލު ހުށަހަޅުއްވައި ވާހަކަފުޅުދައްކަވަމުން ނިލަންދޫ ދާއިރާގެ މެންބަރު ސަޢުދާ ވިދާޅުވީ ޢިލްމީ އަދި ފަންނީ މަސައްކަތުގެ ޒަރީއާއިން އުފެއްދުމެއް އުފެއްދުމަކީ ބުރަ މަސައްކަތެއް ކަމަށާއި އެފަދަ އުފެއްދުންތަކުގެ އަސްލަށް ބަދަލުގެނެވޭނެ ފުރުޞަތު ޤާނޫނުން ލިބިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ އުފެއްދުންތެރިންނަށް ހިމާޔަތް ލިބެންޖެހޭކަމަށް ތަހުޒީބު މުޖުތަމައުގައި ގަބޫލުކުރާއިރު ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުގެ ދަށުން އުފެއްދުންތެރިންނަށް ލިބެންޖެހޭ ފުރިހަމަ ޙައްގުތައް ކަށަވަރުނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިޒާމާނުގެ އައު އީޖާދުތަކާއި އައު ވަސީލްތްތަކާއި އައު ވައްޓަފާޅިތަކުގެ ސަބަބުން ޢިލްމީ އަދި ފަންނީ އުފެއްދުންތައް މިއަދު ދައުރުވަމުންދާ ގޮތާއި މި ދެމިގެންދާދިއުން، މި ދާގޮތް އަޅުގަނޑުމެން ވިސްނާލަން މިހާރު އެބަޖެހޭ. މި ސަބަބުގެ އިތުރުން މިހާރު އޮތް ޤާނޫނުގައި އެކި ކަންކަން އިސްލާހުކުރަން ހުރިނަމަވެސް މިހާތަނަށް މި ޤާނޫނަށް ހުށަހެޅިފައިވަނީ އެންމެ އިސްލާހެއް" ނިލަންދޫ ދާއިރާގެ މެންބަރު ސަޢުދާ ވިދާޅުވިއެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ ދިވެހިންނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭފަދަ އަމިއްލަ އުފެއްދުންތައް އުފައްދާ ބައެއް ކަމަށާއި ކޮޕީރައިޓާ ގުޅޭ ޤާނޫނެއް ރާއްޖޭގައި އޮތްނަމަވެސް އެ ޤާނޫނުން ހަގީގީ މާނައިގައި އުފެއްދުންތެރިންގެ ޙައްގުތައް ކަށަވަރުނުވާ ކަމަށެވެ. މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން އުފެއްދުންތެރިކަމުގެ ދާއިރާގެ ގިނަބައެއްހެ ޙައްގުތައް ހިމާޔަތްކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"އުފެއްދުންތެރިކަމުގައި އެ އުފައްދާ ޕްރޮޑަކްޓް، އެތަކެތި ހިމާޔަތްކުރެވިގެން މީގަ (ބިލު) އެބަދޭ. ކިހިންތެތޯ މި ހިމާޔަތް ކުރެވެނީ. އެ ޕްރޮޑަކްޓް އުފެއްދުމަށްފަހު އެއަށް ރަޖިސްޓްރީ ނަންބަރެއް ދިނުމަށްފަހު އެ ކޮޕީ ކުރެވިގެން ނުދާނެ. ކޮށްފިނަމަ ޤާނޫނީގޮތުން ލިބެނީ ކިހާވަރެއްގެ އަދަދެއް ކަމާއި ޖޫރިމަނާކުރެވެނީ ކހާ އަދަދެއްކަން ވަރަށް ތަފްސީލުކޮށް އެބަހުރި ބަޔާންކޮށްފައި،" މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވިއެވެ.

ބިލަށް ބަހުސްކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާޢު ވިދާޅުވީ މި ބިލުގެ ސަބަބުން ފަންނުވެރިންގެ ޙައްގުތައް ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަވެގެންދާކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ފަންނުވެރިންގެ ޙައްގުތައް ކަށަވަރުކުރުމުގެ ސަބަބުން އެ ޤައުމުތަކުގެ އިގްތިޞާދަށްވެސް ހެޔޮ އަސަރުތަކެއްކުރާކަން ސުޖާޢު ފާހަގަކުރެއްވިއެވެ.

"އަވަށްޓެރި އިންޑިއާގެ ބޮލީވުޑް ހޮލީވުޑާ ވާދަކުރާ ދަރަޖައަށް މިއައީ އުފައްދާ ފިލްމުތަކަށް އެ ކަށަވަރުކަން ނުވަތަ އެ ހިމާޔަތް ޤާނޫނުން ދެވިފައި ވާތީ. އެހެންނަމަވެސް ރާއްޖޭގައި މިއަދާހަމައަށް ފަންނުވެރިން އުފައްދާ އުފެއްދުންތަކަށް ޤާނޫނީ ރައްކާތެރިކަން ދެވިފައިނުވާކަމީ މިއީ އަޅުގަނޑުމެން މި ދާއިރާ ކުރިނާރާ އޮތް އެއް ސަބަބުކަމުގައި އަޅުގަނޑު ގަބޫލުކުރަން،" ބާރަޑު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާޢު ވިދާޅުވިއެވެ.

ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ޙައްގުތަކުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކޮޕީރައިޓުގެ ޙައްގުތަކަށް ހިމާޔަތް ލިބިދޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރާނެއެވެ. އަދި ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް މީހެއްގެ ޙައްގަށް އަރައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމާއި އެ ބަދަލު ހޯދަން ކުރާ ޚަރަދު ލިބޭގޮތަށްވެސް އިސްލާހު ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ޤާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ޙައްގަކަށް ގަސްތުގައި އުނިކަމެއް އަންނަގޮތަށް އަމަލުކޮށްފިނަމަ އަދަބުގެ ގޮތުގައި އޭގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާ އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނާފައެވެ.