ޚަބަރު

ޑެޓް މެނޭޖުމަންޓް އޮފީހެއް އުފައްދައި، ކޮންމެ ކުއާޓާރެއްގައި ދަރަނި ޢާންމުކުރުން ލާޒިމްކުރާ ބިލެއް


  • ބިލު ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މަމްދޫޙު

  • ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ދަރަނީގެ މަޢުލޫމާތު ޢާންމުކުރާނެ

  • ވަޒީރަށް ގިނަ ބާރުތަކެއް ވަނީ ދީފައި

  • ކައުންސިލްތަކާ ކުންފުނިތަކަށް ދަރަނި ނެގޭނެ

ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފްސީލް ޢާންމުކުރަންޖެހޭގޮތަށް ލާޒިމްކޮށް، ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ.

މި ބިލު ހުށައެޅުއްވި މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމާއި ދައުލަތުގެ ދަރަންޏާ ބެހޭ މަޢުލޫމާތު ހާމަކުރުމެވެ. ހަމައެހެންމެ ދަރަނިނަގައި ބަލަހައްޓައި މެނޭޖުކުރަނީ ޤައުމުގެ އިޤްތިޞާދަށާއި މުސްތަޤްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އިޤްތިޞާދީ ފުދުންތެރިކަމާއި ފިސްކަލް އަދި މާލިއްޔަތު ނިޒާމު ދިގު މުއްދަކަށް ދެމެހެއްޓޭނެ ގޮތް ކަށަވަރުކުރުމަށްކަމަށް މަޤްޞަދުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި، ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފްސީލް ހާމަކުރަންވާނެކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ޑެޓް ބުލެޓިންއެއް ޝާއިއުކުރަންވާނެކަމަށާއި، އެގޮތުން ސަރުކާރުގެ ދަރަނީގެ ބާކީ ހުރި މިންވަރާއި އޭގައި އެކުލެވޭ ފައިސާގެ ބާވަތާއި، ދަރަނީގެ ޕޯޓްފޯލިއޯއަށް އޮތް ހިރާސްތަކާއި، ފާސްކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީއާ އެއްގޮތަށް ކަންކަން ކުރިއަށްގޮސްފައިވާ މިންވަރު ހިމަނަންވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދަރަނި ނުވަތަ ޑެޓް މެނޭޖުމަންޓާ ގުޅޭ އަހަރީ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ވިދިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމޭތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި މިނިސްޓްރީން ޢާންމުކޮށް ޝައިއުކުރަންވާނެކަމަށްވެސް ބިލުގައިވެއެވެ.

މީގެ އިތުރުން ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ނުނިމިވާ އެންމެހައި ލޯންތަކާއި ޚާއްޞަކޮށް އޯވަރޑިއުވެފައިވާ ލޯނުތަކާއި، އޯވަރޑިއުވެފައިވާ މުއްދަތާއި، އޯވަރޑިއުވި ދުވަހުން ފެށިގެން އަރާފައިވަ އިންޓްރެސްޓު އަދި އެ އަހަރުގެ ތެރޭގައި ދޫކޮށްފައިވާ އެންމެހައި ސޮވްރިން ގެރެންޓީތަކާއި އެ ގެރެންޓީތައް ދޫކޮށްފައިވާ ދާއިރާއާއި ކުންފުނިތައް ވަކިން އެނގޭނެ ފަދައިން ނުނިމިހުރި އެންމެހައި ސޮވްރިން ގެރެންޓީތައް ތަފްސީލް ކުރަންވާނެކަމަށްވެސް ބިލުގައިވެއެވެ.

މި ބިލުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ ތަރައްްޤީގެ ޕްލޭންގައި ހިމަނާފައިވާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ކައުންސިލްތަކަށް ދަރަނި ނެގިދާނެކަމަށް ބުނެފައެވެ. އެ ދަރަނި ނެގޭނީ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކުތަކުންނާއި އެހެނިހެން މާލީ އިދާރާތަކުންކަމަށް ބިލުގައިވެއެވެ.

މި ބިލުގައި ބުނެފައިވަނީ ކައުންސިލްތަކުގެ މަޝްރޫޢު ހިންގުމަށްޓަކައި ދިވެހި ރުފިޔާއިން ކުރު އަދި ދިގު މުއްދަތުގެ ދަރަނި ނެގުމުގެ އިޚްތިޔާރު ލިބިގެންވާކަމަށެވެ. ކުރު މުއްދަތަކަށް ދަރަނި ނެގޭނީ އެއް އަހަރަށް ވުރެ ކުރު މުއްދަތަށްކަމަށާއި، ދިގު މުއްތަކަށް ދަރަނި ނެގޭނީ އެއް އަހަރަށްވުރެ ދިގު މުއްދަތަށްކަމަށް ބުނެފައިވެއެވެ. އަދި ބޭރު ފައިސާއިން ދަރަނި ނެގޭނީ ހަމައެކަނި ސަރުކާރާއެކު ސޮއިކޮށްފައިވާ ސަބްސިޑިއަރީ ލޯނު އެގްރިމަންޓުގެއްގެ ދަށުންކަމަށާއި، ލޯކަލް ކައުންސިލެއްގެ ޖުމްލަ ދަރަނި އެއްވެސް ވަގުތެއްގައި އެ ކައުންސިލުގެ ފާއިތުވި ތިން އަހަރުގެ އެވްރެޖު އާމްދަނީގެ ތިންބައިކުޅަ އެއްބަޔަށްވުރެ މަތިވެގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށްޓަކައި މިނިސްޓަރު ކަރަންޖެހޭކަންކަން ކުރުމަށާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމަށް ޑެޓް މެނޭޖުމަންޓް އޮފީހެއް ޤާއިމްކުރުމަށް ލާޒިމްކުރުމެވެ. އެ އޮފީސް މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ޤާއިމްކުރަންވާނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. މި ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުންއައި ފިނޭންސް މިނިސްޓްރީގެ "ޑެޓް މެނޭޖުމަންޓް ޑިޕާޓްމަންޓް"ގެ އެންމެހައި ޤާނޫނީ ޒިންމާތަކާއި މުވައްޒަފުންނާއި މުދާތައް ޑެޓް މެނޭޖުމަންޓް އޮފީސްގެ ދަށަށް ބަދަލުވާނެކަމަށްވެސް ބިލުގައިވެއެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ސޮވެރިން ގްރެޓީއާ ބެހޭ އެންމެ ރެކޯޑްތައް ބެލެހެއްޓުމާއި ޢާންމުކުރުން ހިމެނެއެވެ. މި ބިލުގައިވަނީ ދަރަނިން ސަލާމަތްވުމަށް ދަރަނީގެ ހިރާސްތައް ކުޑަކުރެވޭނެގޮތްތައްވެސް ބާޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާއި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 6މަސްދުވަސް ހަމަވާ ތާރީޚުން ފެށިންކެމަށްވެސް ދަރަންޏާބެހޭ ބިލުގައި ވަނީ ބުނެފައެވެ.