ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައިބަތާއި ޝަރަފް އިތުރުކުރާނަން: ނައިބު ރައީސް


  • ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ސަމާލުކަމާއި އަހަމިއްޔަތުކަން އިތުރުކަން ފާހަގަކުރެއްވި

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހައިބަތާއި ޝަރަފް އިތުރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެން މުހައްމަދު ލަތީފް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގެ ގައުމީ ފެންވަރުގައި ބާއްވާ ކީރިތި ގުރުއާނުގެ އެންމެ ބޮޑު ދަރުބާރުކަމަށެވެ. އެހެންކަމުން މި މުބާރާތް އަހަރަކަށް ވުރެ އަހަރެއް ހަރުދަނާ ކުރުމާއި ފެންވަރު ރަނގަޅު ކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

"މުބާރާތް މުޅި ރާއްޖޭގައި ތަމްސީލު ކުރުން އިތުރުކުރުމާއި މުބާރާތަށް ދެވޭ އިނާމް އިތުރު ކުރުމަށް ސަރުކާރުން ބޭނުންވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހައިބަތާއި ޝަރަފް އިތުރުކުރާނެ. އަދި މުބާރާތް ބޭއްވުމުގެ ފެންވަރުވެސް އަޅުގަނޑުމެން ރަނގަޅު ކުރާނަން" ނައިބް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވެގެން މިވީ 7 މަސް ދުވަހުގެ ތެރޭގައި އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަމާއި އަހަމިއްޔަތުކަން އިތުރުކުރައްވާފައިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މިއަހަރު 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ.

މިއަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މިފަހަރުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރާ 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މިއަހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިން 15 ބައިވެރިން ވާދަކުރެއެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށްދާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލްގައެވެ.

މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެންކަމަށާއި އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 10:30އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެކަމަށް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. އަދި ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑުކަމަށްެސް އެ މަރުކަޒުން ވިދާޅުވެއެވެ.