ޚަބަރު

ޤުރުއާނާބެހޭ މަރުކަޒު ހިންގުމަށް ހާއްސަ ބިނާއެއް ސަރުކާރުން ޤާއިމްކުރާނެ: ޑރ.ޝަހީމް


  • ޤުރުއާނާބެހޭ މަރުކަޒު މިހާރު ހިންގަނީ ސަލްމާން މިސްކިތުގައި

ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގުމަށް ހާއްސަ ބިނާއެއް މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޤާއިމްކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއްކަމަށެވެ. އަދި އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު ހިނގަމުން ދަނީ ކިންގް ސަލްމާން މިސްކިތުގައިކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 5 އަހަރު ނިމުމުގެ ކުރިން ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހިންގެވުމަށް ހާއްސަ ބިނާއެއް ގާއިމް ކުރައްވާނެކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

" އަޅުގަނޑުގެ ވެރިންނަށްވެސް ދަރިވަރުންނަށްވެސް ޔަގީންކަން އަރުވާނީ އިރާދަކުރެއްވިއްޔާމު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ހާއްސަ ބިނާއެށް ދިވެހިރާއްޖޭގައި ގާއިމްކުރުމުގެ މި މަސައްކަތާބެހޭ ގޮތުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާއި އަޅުގަނޑުމެން މަޝްވަރާ ކުރާނަން. އިރާދަކުރެއްވިއްޔާ މި ވެރިކަމުގެ ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާއި ބެހޭ ހާއްސަ ބިނާއެއް ދިވެހިރާއްޖޭގައި ގާއިމް ކުރެވޭތޯ ފުރިހަމަ ޔަގީންކަން އަރުވަން" ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި މުބާރާތަކީ ގައުމީ ފެންވަރުގައި ހިންގޭ ރާއްޖޭގެ އެންމެ ބޮޑު އެއް މުބާރާތްކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް 1000 އަށްވުރެ ގިނަ ދަރިވަރުން މުބާރާތުގައި ބައިވެރިވާއިރު މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުބާރާތުގެ ބައިވެރިންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ޖެހޭކަމަށެވެ. އެގޮތުން މި މުބާރާތަކީ ސިޓީތަކާއި އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުން ހޮވިގެން އަންނަ ކުދިން ބައިވެރިވާ ޝަރަފުވެރި މުބާރާތަކަށް ހަދަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ކުރިއަށް އޮތްތާނގައި މުބާރާތުގެ އުސޫލީ ކަންކަމަށް ބަދަލު ނުގެނައިކަމުގައިވިއަސް މުބާރާތް ހިންގާގޮތަށް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާ ކުރައްވާނެކަމަށެވެ.