ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ކަމުނުދާކަމަށް ބުނެ އެމްޑީޕީން ފާޑު ކިޔައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިމިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުގެ މަޤާމު އަދާކުރެއްވި އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ދަށްވެގެން އުޅެނީ ސަރުކާރަށް ކަންކަން މެނޭޖްކުރަން ނޭނގޭތީކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން މާލީ ޙާލަތު ދަށްވެގެން އުޅެނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމްފަދަ ކަންކަން ސަރުކާރުން ރައްޔިތުންނަށް ހަމަޖައްސައިދިނުމުގެ ސަަބަބުންކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އޭނާ މިނިސްޓަރަކަށް ހުންނެވިއިރު ގިނަ އަދަދެއްގެ ލޯނު ނަގާފައިވާކަމަށާއި، އަދި އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބުރަ ބޮޑުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
“އަޅުގަނޑުމެންވެސް ގަބޫލްކުރަމޭ އިނގޭތޯ މާލީ ގޮންޖެހުންތަކެއް ހުރިކަން. މާލީ ގޮންޖެހުންތައް އައީ އޭރު ކޮވިޑް މެނޭޖް ކުރުމަށް އަޅުގަނޑުމެން އަޅަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުން. އެ ބޭސްތައް އަޅުގަނޑުމެން ދޭން އެބަޖެހޭ އިނގޭތޯ. އަޅުގަނޑުމެންގެ އަތުގައި ނެތް ސޭވްކޮށްފައި ހުރި ފައިސާއެއް. ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ ކުރީ. އެ ހުރި އިރުވެސް އިނގޭ އޭގެ ސައިޑް އިފެކްޓްސް ހުންނާނެކަން ދަރަނި އިތުރު ވެގެން ދާނެކަން” އަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދު އޮތީ ރަނގަޅު ހާލަތެއްގައިކަމަށް އިއުތިރާފްވެވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު، ސަރުކާރުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އޮތްކަމަށް މިސަރުކާރުން ދައްކާ ވާހަކަތަކަށްވެސް އަމީރު ވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެއިތުރުން އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ސަތޭކަ އެތައް މިލިއަން ޑޮލަރެއް ހުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުންނާނީ އެންމެ 2 މިލިއަން ޑޮލަރުކަމަށްވެސް އަމީރު ވަނީ އިއުތިރާފްވެވަޑައިގެންފައެވެ.
ދައުލަތުގެ މާލީ ޙާލަތު ދަށްވެގެން އުޅެނީ އެމްޑީޕީ ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުންކަމަށް މި ސަރުކާރުންވެސް ވަނީ މީގެކުރިން ހާމަކޮށްފައެވެ. އަދި އެކަންކަން ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާކަންވެސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.