ޚަބަރު

ސިއްޙީ ޚިދުމަތުގެ ބިލުގައި ސިއްޙީ ނިޒާމުގެ މައްސަލަތަކަށް ގެެނެވޭނެ ޙައްލު އެބަހުރި: މެންބަރުން


  • ބިލު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޢިމްރާން ލަތީފް

  • ރާއްޖޭގައި އުތުރުވާ ބަލިތައް ދެނެގަނެވޭނެ ނިޒާމު ޤާއިމްކުރުމަށް ބާރުއަޅާ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިއްޙީ ޚިދުމަތުގެ ބިލާއެކު، ސިއްޙީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ސިއްހީ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މިއީ ސަރުކާރުން މި މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ބިލެވެ.

ސަރުކާރުފެ ފަރާތުން ސިއްހީ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފެވެ. މި ބިލަށް ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންވެސް ވަނީ ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބިލު ހުށަހަޅުއްވައި ވާހަކަފުޅުދައްކަވަމުން މެންބަރު ޢިމްރާން ވިދާޅުވީ މި ބިލަކީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތަރައްގީއަށް މުހިންމު ބިލެއް ކަމަށެވެ. އެގޮތުން، އިތުރުވަމުންދާ އާބާދީއަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގައި އިތުރުވަމުންދާ ބަލިތައް ދެނެގަނެވި، އެކަމަށް އޮތް ހައްލު ދެނެގަތުމަށް ފަސޭހަވާނެކަމަށް މެންބަރު ވިދާޅުވިއެވެ.

"މި ބިލްގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ޖިސްމާނީ، ނަފްސާނީ، އިންފާޓިލިޓީއާއި ކެންސަރ، ސްޓްރޯކް ހިތުގެ އަދި ކިޑްނީ ބަލިތައްފަދަ އާދަޔާ ޚިލާފަށް އިތުރުވަމުންދާ ބަލިތައް ދެނެގަނެ، އޭގެ ސަބަބުތައް ދެނެގަނެ، އެކަންކަމަށް އޮތް ހައްލު ހޯދުމަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެ. މީގެ އިތުރުން ރާއްޖެއަށް އެތެރެވަމުންދާ ބޭހާއި ސިއްހީދާއިރާއަށް ބޭނުންވާ އިކުއިޕްމަންޓަކީ އެންމެ ރަނގަޅު ތަކެތިކަން ކަނޑައެޅިގެންދާނެ،" މެންބަރު ޙުސައިން އިމްރާން ލަޠީފް ވިދާޅުވިއެވެ.

މިބިލަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މެންބަރުންވެސް ވަނީ މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ކޮންމެހެން ބޭނުންތެރި ބިލެއްކަން ފާހަގަކުރައްވާފައެވެ.

"ރާއްޖޭގައި ސިއްހީ ކަންކަން ވަނީ ކަންބޮޑުވާ ދަރަޖައަށް ބޮޑުވެފައި. އާސަންދައަށް ބެލިކަމުގައިވިޔަސް އެކަން ހާމަވޭ. މިކަމުގެ ސަބަބުތައް ދެނެގަނެ އެ ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް ރައީސުލްޖުމްހޫރިއްޔާ ސިއްހީ ހާލަތާމެދު ކަންބޮޑުވެވަޑައިގެން އެކަންކަން ރަނގަޅުކުރުމަށް މި ބިލުގައި ހިމަނާފައިވާކަންކަމަކީ ޤައުމަށް ވަރަށް މުހިންމު ކަންކަން،" އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ.

"މި ޤާނޫނު ވުޖޫދުވީމާ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސްއަކަށް ސިޔާސީ މީހުންނަކަށް ބޭނުންހާ ސަކަރާތެއް ނުކުރެވޭނެ. އޭނައަކީ ޒިންމާދާރުމީހެއް. އޭނައަކީ ބައްޔެއް ދުނިޔޭގައި ފެތުރޭ ކަމަށްވަންޏާ، ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް މިއަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ވުޒާރާތަކަށް މަތިކުރަން އެ ޒިންމާ ޤާނޫނުން މި ހަވާލުކުރީ،" ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވިއެވެ.

މި ބިލަށް އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ ތާޢިދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިއީ ސިއްޙީ ނިޒާޟުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މުހިންމު ބިލެއްގެ ގޮތުގައި އެ މެންބަރުން ސިފަކުރެއްވިއެވެ.

"ސިއްޙީ ނިޒާމަކީ ދައުލަތުން އެންމެ ބޮޑު ޚަރަދު ކުރާ ކަންތައްތައް. ނަމަވެސް ރައްޔިތުން ބުނަނީ ބޭނުންވާވަރުގެ ސިއްހީ ޚިދުމަތެއް ނުލިބެއޭ. މި ނިޒާމު ހިންގުމަށް އިތުރަށް ކުރެވޭނެކަންކަން ބަލަން ޖެހޭ. ޒަމާން ބަދަލުވާ ވަރަކަށް އަންނަ ކަންކަމާއި ހެލްތު މިނިސްޓްރީން އެބަޖެހޭ ބަލިތައް ޖެހޭ ސަބަބުތައް ދެނެގަނެ އެކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަންނަން،" ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.

ބިލަށް ތާއީދު ކުރި ނަމަވެސް ބިލުގައި އަދިވެސް ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރިކަމަށް އިދިކޮޅު ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ކޮމިޓީ މަރުހަލާގައި ގެނައުމަށްފަހު ވީހާވެސް އަވަހަށް ބިލު ފާސްކުރުމަށް ބަހުސް ކުރެއްވި މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން، މި ބިލުގައި ހިމެނޭ ކަންކަމަކީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މުހިންމު ކަންކަންކަމަށް މެންބަރުން ވިދާޅުވެއެވެ.

މި ބިލްވަނީ މަޖިލީހަށް ބަލައިގަނެ އިޖްތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.