އިދިކޮޅު އެމްޑީޕީން މަސައްކަތްކުރަމުންދަނީ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ދޮގު ތުހުމަތުކޮށް، ކުރީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ފޮރުވަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ފަލާހު ވަނީ އިދިކޮޅުން ޤައުމުގެ ހަމަޖެހުން ނަގާލައި ހަލަބޮލިކުރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވައި އެކަންކަމަށް ފާޑުވިދާޅުވެފައެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާއެކު ނިމިދިޔަ ދައުރުގައި އެމްޑީޕީން ވެރިކަން ކުރީ ރައްޔިތުންނަށް އުއްމީދީ ވައުދުތަކެއް ވެގެންނަމަވެސް އެ ވައުދުތައް ފުއްދިފައިނުވާ ކަމަށާއި "އެޖެންޑާ 19" ގެ ނަމުގައި އެމްޑީޕީން ކުރި ކަންކަމުން ރާއްޖެ ވެއްޓުނީ އިގްތިސާދީ އަނދަވަޅަކަށްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރުވެސް އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވައި މަޖލީހުގެ ކޮމިޓީތަކަށާއި ކޯޓަށްވެސް ހާޒިރުކުރިވިކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެ ތަހުގީގުތަކާއި ޝަރީއަތްތަކުންވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޤައުމަށް އިހުލާސްތެރި، ތެދުވެރި، ވަފާތެރި ބޭފުޅެއްކަން ހާމަވެގެންދިޔަކަމަށް ފަލާހު ވިދާޅުވިއެވެ.
"މިއަދު އެ މަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރާއި އެމަނިކުފާނުގެ ކެބިނެޓާއި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ބޮލުގައި މި އަޅުވަމުންދާ ބަދުނާމުތަކާ ގުޅިގެން އެއްވެސް ކަންބޮޑުވުމެއް ނެތް" ފަލާހު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިގްތިޞާދު ބަލިކަށިވެފައިވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އޮތީ ދަޢުލަތް ބަނގުރޫޓުކޮށްފައިކަމަށެވެ. އެއާއެކު ޕީއެންސީއަށް ވެރިކަން ނުލިބުނުނަމަ ޤައުމުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
"މިއަދު މިކުރާ ކަމަކީ ހަގީގަތުގައި އެ ބޭފުޅުން ކޮށްފައިހުރި ވައްކަމާއި ހިނގާފައި ހުރި ކޮރަޕްޝަންގެ އަމަލުތަކާއި ހިންގާފައި ހުރި ޖަރީމާތައް ދިވެހި ރައްޔިތުންނަށް ފޮރުވުމަށްޓަކައި އެކަންކަމަށް ފަސްއަޅައި ސިޔާސީ ވަރަށް މޮޅު ދަންތުރެއްގަ މި ޖައްސަނީ" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވަނީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އަދުގެ ސަރުކާރު ބަދަނާމުކުރަން އުޅުނަސް އެކަން އެކަން ކާމިޔާބު ނުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ. އަދި ކުރީ ސަރުކާރުން ފައިސާ ޗާޕުކުރިއިރު އެއީ ވަގުތީ ހައްލެއް ކަމަށާއި އެގޮތަށް މިހާރުވެސް ޤައުމު ހިންގާނަމަ ޑޮލަރާއި ކާބޯތަކެތީގެ އަގު އުފުލި އިންފްލޭޝަން ބޮޑުތަނުން އަރައިގެންދާނެކަންވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފާހަގަކުރެއްވިއެވެ.