މިއަހަރުގެ ޙައްޖުގެ އިންތިޒާމްތައް ކުރިއަށްދަނީ އެހެން އަހަރުތަކަށްވުރެ މާ ފުރިހަމައަށްކަމަށާއި، އެގޮތަށް އެއިންތިޒާމުތައް ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އަޙަމިއްޔަތުކަމެއް ދެއްވާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
އަރަފާތުބިމުގައި ހުންނަވާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވީ، މިއަހަރުގެ ޙައްޖުގެ ހުރިހާ އިންތިޒާމެއްވެސް ކުރިއަށްދަނީ ވަރަށް ފުރިހަމައަށްކަމަށެވެ.
އާންމުކޮށް ހުރިހާ ޙައްޖާޖީންގެ ޙާލު ރަނގަޅުކަމަށާއި، ދަތުރުފަތުރުގެ އިންތިޒާމްވެސް ވަނީ ޙައްޖުވެރިނަށް ފަސޭހަވާނެހެން ވަކި ޤަވައިދެއްގެ ދަށުން ބަހާލެވިފައިކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ޝަރީފް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި އެކިއެކި ބަލިތައް ތަޙައްމަލްކުރާ ފަރާތްތަަކުން ދަތުރުކުރާ ބަސްތަކަށް އިސްކަންދީގެން ޚާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ގެ އިތުރުން އެހީތެރިން ވެސް ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަލީ ޝަރީފް ވިދާޅުވީ މިރޭގެ ވަގުތެއްގައި މުޒްދަލިފާއަށް ދަތުރު ފަށާނެ ކަމަށާއި އެ ދަތުރުތަކުގެ އިންތިޒާމުވެސް ފުރިހަމައަށް ރޭވިފައިވާކަމަށެވެ.
"ކިތަންމެ ރަނގަޅަކަށް ރާވައިގެން ކަންތައްތަކެއް ކުރިކަމުގައިވީނަމަވެސް، މިފަދަ ގިނަބައެއްގެ ތެރޭގައި އުޅޭ އިރު ހަމަ ކަމެއް ދިމާވުމަކީ އެކަށީގެންވާކަމެއް، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެފަދަ ކަންކަން ވީހާވެސް ލުއިކޮށް ވީހާވެސް ރަނގަޅަށް ކަންތައް ދިއުމަށް މަގިފަހިކުރުމަށް" ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފް ވިދާޅުވިއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު ދިވެހި ހުރިހާ ހައްޖުވެރިން ތިބުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެއް ހޮޓެލެއްގައެވެ. އެ ހޮޓެލުގައި ކެއުމުގެ އިންތިޒާމް ވަރަށް ފުރިހަމައަަށް ހަމަޖައްސާފައިވާއިރު، އަރަފާތު ބިމުގައި ވެސް ދިވެހިރަހަތަކުގެ ކެއުން ލިބޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުވެރިން މަގުއޮޅި ގެއްލުން ފަދަ ކަމެއް ވެދުވެރިވެދިޔަ ނުދިނުމަށްޓަކައި ކޮންމެ ޙައްޖާޖީއެއްގެ އަތުގައި ޓްރެކިން ޑިވައިސްއެއްވެސް އޮވެއެވެ.
މިފަހަރު ޙައްޖުގެ ހުރިހާ ކަމެއް އެހާ ފުރިހަމައަށް ކަންތައްތައް ކުރެވިގެންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަޙަމިއްޔަތުކަމެއް ދެއްވައިގެން ވަރަށް ގާތުން ޙައްޖުގެ ކަންކަން ބައްލަވަމުން ގެންދަވާތީކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.